އެކެއްގެ ނަމުގައި ގަނެވޭނެ ސިމް އަދަދު ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން (ކެމް) އިން ބުނެފި އެވެ.

މި ބަދަލު ގެނައުމަށް އޮތޯރިޓީން ނިންމީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުންނެވެ.

ސްކޭމްތައް ހުއްޓުވުމަށް ކޭމްއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ ސިމް ބޭނުންކުރާ މީހުންގެ މައުލޫމާތު އެންމެ ރަނގަޅު ގޮތުގައި ރާއްޖޭގައި ބަލަހައްޓާފައިނުވާ ކަމަށެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމް ކޯލްތައް ހުއްޓުވުމަށް ފުލުހުންގެ އިސްނެގުމާއެކު ކަމާބެހޭ އިދާރާތައް ދާދިފަހުން ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ސިމް ކާޑު ދޫކުރާ އުސޫލަށް ގެނައި ބަދަލަކީ އޭގެ އެއް ފިޔަވަޅު ކަމަށާއި، ސިމް ކާޑު ބޭނުންކުރުމާއި މައުލޫމާތު ކަށަވަރުކުރުން ގިނަކަންތައް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެކެއްގެ ނަމުގައި އެތައް ބައިވަރު ސިމްތަކެއް ހުންނަ މައްސަލައަކީ ވެސް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެކެއްގެ ނަމުގައި އެންމެ ގިނަވެގެން ނެގޭނީ ކިތައް ސިމްކަން ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ. އެގޮތުން މިހާރު އެކެއްގެ ނަމުގައި ސިމް ހުންނަ ކަމަށް މީޑިއާގައި އާންމުވެފައިވާ ވަރަަށް ވުރެ ވަރަށް ބޮޑު އަދަދަކުން ސިމް ދޫކުރާނެ އަދަދު ދަށްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކެއްގެ ނަމުގައި ދޫކުރާނީ ކިތައް ސިމްކަން ފައިނަލް ނުވާތީ، އެ އަދަދު އިލްޔާސް ވިދާޅެއް ނުވެ އެވެ.

"ސިމް ކާޑު އެކެއްގެ އަތުގައި އޮންނަންޖެހޭނީ ކިހާ އަދަދަކަށްތޯ އެއީ ވަރަށް ގިނަ ބަޔަކު ކުރަ ސުވާލެއް. އެހާގިނަ ޢަދަދަކަށް އޮވެގެން ނުވާނެ. އެކަމަށް ވެސް ހައްލެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން މިދަނީ ސިމް ކާޑަށް ލިމިޓެއް ނުވަތަ ކޮންޓްރޯލެއް ގެނައުމަށްޓަކައި. އެ އަދަދުތައް މުޅިން ކަށަވަރުކުރެވިފައެއް ނެތް. ކިތައް ސިމްތޯ އެކެއްނަމުގައި އެންމެ ގިނައިން ދޫކުރެވޭނީ. މިހާރު ނޫސްތަކުން އެ ފެންނަ އަދަދުތަކަށްވުރެ މާ ކުޑަ އަދަދަކަށް އެ އަދަދު ވެގެންދާނީ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ދިވެހިންނަށް ދޫކުރާ ސިމްގެ އަދަދާއި ބިދޭސީންނަށް ދޫކުރާނެ އަދަދު ތަފާތުވާނެ ކަމަށެވެ. އަދި ސިމް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގަ ބަލާނީ އާންމު އުސޫލަކުން އެންމެ ގިނައިން ރައްޔިތަކު ބޭނުންވާނީ ކިތައް ސިމްތޯ ނުވަތަ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް އެންމެ ގިނަވެގެން ބޭނުންވާނީ ކިތައް ސިމްތޯ. މިކަހަލަ ކަންކަމަށް ބަލާފަ އަޅުގަނޑުމެން ގޮތްތަކެއް ނިންމާނީ. އެއީ ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި ކުރަން ހުރި ކަންކަމުން އެއީ ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން ކުރިއަށްގެންދާނެ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވަނީ ސިމް ނަގާފައިވާ މީހާގެ ބަދަލުގައި އެހެން މީހެއް އެ ސިމް ގެންގުޅުން ރާއްޖޭގައި އިތުރުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ސިމަކާއި ގުޅިގެން ނަގަންޖެހޭ ކޮންމެ ޒިންމާއެއް ނަގަންޖެހޭނީ ސިމް ރަޖިސްޓްރީކޮށްފައިވާ މީހާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އެ ސިމަކާއި ގުޅޭ ކޮންމެ ކަމެއްގަ ޒިންމާ އުފުލަން ޖެހެނީ ސިމް ނަގާފައިވާ މީހާ. އެ ރެކޯޑްކޮށްފައިވާ މީހެއް. ނަމަވެސް ސިމް ނަގާފައިވާ މީހާގެ ބަދަލުގައި އެހެން މީހުން ސިމް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ. ކޮންމެ ކަމެއްގައި ވެސް ޒިންމާނަގަން ޖެހޭނީ ހަމަ އެމީހެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސްކޭމް ކޯލްތައް ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަން ކުރުމަށް މައިގަނޑުގޮތެއްގައި ބޭނުންކުރަނީ އެހެން މީހެއްގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ނުވަތަ ބިދޭސީންގެ ނަމުގައި ނަގާފައިވާ ސިމް ކާޑެވެ.

ރާއްޖޭގައި މޮބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ރާއްޖޭގައި ނޫޅޭ ބިދޭސީން، ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު ނަގާފައިވާ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ސިމް ބޭނުން ކޮށްގެން ނުވަތަ ފޯނުކޮށްގެން ރާއްޖޭގައި ހިންގާ ކުށްތައް އިތުރުވަމުން އަންނާތީ އެކަން ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ދަނީ މަޝްވަރާކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކޭމް އިން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕްރީ އެކްޓިވޭޓަޑް ސީމް ކާޑު ވިއްކުން ހުއްޓާލުމެވެ. އެގޮތުން މިހާރު ސިމްކާޑު އެކްޓިވޭޓް ވާނީ ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ލިބުމުން ކަމަށް ކޭމް އިން ބުނެފައިވެ އެވެ.

ސިމް ކާޑު ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން މިދިޔަ ހަތަރު އަހަރު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅެއް އަޅާފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ. އޭގެ ތެރޭގައި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރުމާއި، 10 އައިޕީ އެޑްރެސް ބްލޮކް ކުރުމާއި، 2،796 ސިމް ކާޑުތައް ފުލުހުން މެދުވެރިވެގެން ޚިދުމަތް ކަނޑާލުން ހިމެނެ އެވެ.