ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ޚިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އޮތެންޓިކޭޓަ އެޕަކީ ސްމާޓް ފޯނާއި ޓެބްލެޓްގައި ހާއްސަ، އަދި ވަކި ވަގުތެއްގެ ތެރޭގައި ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ.

އޮތެންޓިކޭޓާ އެޕް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި، ކޮންމެ ކަސްޓަމަރަކަށް ވެސް ޚާއްސަވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓަ ވެސް ހިމެނޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް ދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުން ކަމަށެވެ. އެގޮތުން އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައި ވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވޭ. މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން. އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒް ވެފައިވާ ހާލަތެއްގައި ވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ މިމަހުގެ 20 އިން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެ ކަމަށެވެ.

އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.