ޖަމްބޯ ފޯވާޑިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ސިނަމާލެ ބުރިޖު ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް ނިޔާވި ނަމަވެސް ކަސްޓަމަރުންގެ މުދާ އަމާނާތްތެރި ކަމާއެކު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފި އެވެ.

ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ނިޔާވީ އިއްޔެ މެންދުރު ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އެވެ. އޭނާ ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފުވައްމުލަކަށް އުފަން އިއްސޭ އަކީ 1990 ގެ އަހަރުތަކުގައި މަޖީދީމަގުގައި ޖަމްބޯގެ ނަމުގައި ފުޅާ ދާއިރާއެއްގައި ފައިވާނުގެ ވިޔަފާރިކުރި މީހެކެވެ. އަދި 2000 ވަނަ އަހަރު ރާއްޖެ ދޫކޮށް ތައިލެންޑްގައި ދިރިއުޅުން ބަދަލުކުރުމަށްފަހު ފައިވާން އުފައްދާ އަމިއްލަ ފެކްޓްރީއެއް ހިންގައި ވިޔަފާރި ފުޅާކުރި އެވެ. މިގޮތުން ދިވެހިން ބެންކޮކުން ގަންނަ މުދާ ފޮނުވައި ދިނުމުގެ ހިދުމަތް ދިނުމަށް "ޖަމްބޯ ފޯވާޑިން"ގެ ނަމުގައި ވެސް ހިދުމަތް ދެމުން ގެންދެ އެވެ.

ޖަމްބޯ ފޯވާޑިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްސެގެ ކުއްލި ވަކިވުމަކީ އެކުންފުންޏަށާއި، ކުންފުނީގެ މުވައްޒަފުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އެހެންނަމަވެސް، އެކުންފުންޏާ ހަވާލުކޮށްފައިވާ އެތައް ކަސްޓަމަރުންގެ މުދާ، ތާވަލްކުރެވިފައިވާ ގޮތުގެ މަތީން އަމާނާތްތެރި ކަމާއެކު އެފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް ޖަމްބޯ ފޯވާޑިން ބުންޏެވެ.

އަދި، އެކުންފުނީގެ މަސައްކަތް އިހުނެކޭ އެއްފަދައިން ނުހުއްޓި ކުރިއަށް ދާނެ ކަމަށާއި، ކުންފުނީގެ ހިދުމަތްތައް ކަސްޓަމަރުންނަށް މެދުނުކެނޑި ލިބެމުންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބެންކޮކްގައި 22 އަހަރު ދިރިއުޅުމަށްފަހު މިދިޔަ މަހުގެ ކުރީކޮޅު ރާއްޖެ އައީ އާއިލާގެ މީހުންނާއި ބައެއް ރައްޓެހިންނާ ބައްދަލު ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ބައްދަލުކުރުމަށެވެ. އަދި ރާއްޖެ އައިސް ފުވައްމުލަކަށް ވެސް މިދިޔަ މަހު ދިޔަ އެވެ.