ފްލައި ދުބާއީގެ ދަތުރުތައް އައްޑުއަށް އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާއިރު ހާއްސަ އޮފާއެއްގެ ދަށުން ދެކޮޅު ޓިކެޓް 450 ޑޮލަރު އަށް ލިބޭނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލްސް އިން ބުނެފި އެވެ.

ފްލައި ދުބާއީ އިން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އެގޮތުން ސީދާ ދުބާއީ އިން ގަމަށް ހަފުތާގެ ކޮންމެ ދުވަހަކު ފްލައިޓްތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ ފްލައި ދުބާއީގައި އައްޑު އަށް އަންނަ މީހުންނަށް ހުވަދު އަތޮޅާއި ފުވައްމުލަކަށް ފަސޭހަކަމާއެކު ދެވޭނެ މަގު ފަހިވާނެ ކަމަށެވެ. އެގޮތުން ފުވައްމުލަކަށް ކަނޑުމަގުން އެމްޓީސީސީ މެދުވެރިކޮށް ދެވޭނެ ކަމަށާ ހުވަދު އަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ދެވޭނެ ކަމަށް ފިރާގު ވިދާޅުވި އެވެ.

https://www.facebook.com/photo/?fbid=1777209849312508&set=a.108474042852772

ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިވަގުތު ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެއާލައިންސް އެވެ

ގަމަށް މި ވަގުތު އުދުހޭ ހަމައެކަނި ޝެޑިއުލް އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ. އެ އެއާލައިނުން ހަފުތާ އަކު ދެ ދަތުރު ބާއްވަ އެވެ.