މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ބާއްވާ "އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް 2022" ފޯރަމް މިއަދު ހެނދުނު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފަށައިފި އެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނިން ފުރަތަމަ ފަހަރަށް އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް (އީއާރްއެމް) ފޯރަމެއްއެއް އިންތިޒާމްކުރުމުގެ އެންމެ ބޮޑު އަމާޒަކީ އީ.އާރް.އެމްގެ މުހިންމުކަމަށް އަހުލުވެރިކަން އިތުރުކޮށް، ރިސްކް މެނޭޖްމަންޓަށް ދޭ އަހަމިއްޔަތުކަން އިތުރުކުރުން ކަމަށެވެ.

މި ފޯރަމް ހުޅުވުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ދެއްކެވި ވާހަކަފުޅުގައި އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓްގެ މުހިންމު ކަމަށް ވަނީ އަލި އަޅުވާލައްވައިފަ އެވެ. އަދި އެމްޕީއެލް އިން މިފަދަ ފޯރަމެއް އިންތިޒާމްކުރީ ފެށުމެއްގެ ގޮތުގައި ބަލައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައި ރިސްކް މެނޭޖްމަންޓާ ގުޅޭ އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޯރަމްގެ ޕެނަލްސިޓުންގެ ތެރޭގައި މި ކުންފުނީގެ އިސްވެރިންނާއި، ދާއިރާއާ ގުޅޭ ގިނަ ތަޖުރިބާކާރުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ.

އެމްޕީއެލް އިން އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމްގައި ބައިވެރި ބައެއް ބޭފުޅުން. ފޮޓޯ: އެމްޕީއެމް

އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފޯރަމް 2022ގެ ޕެނަލިސްޓުން:

  1. އާސިމް މުޙައްމަދު - ރައީސް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް
  2. ޝާހިދު އަލީ – ޗީފް އެގްޒެކެޓިވް އޮފިސަރު، އެމްޕީއެލް
  3. މުހައްމަދު މުއިއްޒު – ޗީފް ފައިނޭންޝަލް އޮފިސަރު، އެމްޕީއެލް
  4. އިބްރާހިމް ޒާހިރު – ޗީފް ރިސްކް އޮފިސަރު، އެމްޕީއެލް
  5. އިބްރާހިމް ފަޒީލް – އެސިސްޓަންޓް އޮޑިޓަރު ޖެނެރަލް، އޮޑިޓަ ޖެނެރަލްގެ އޮފީސް
  6. ލީމާން ޒާހިރު – ޗީފް އިންޓަނަލް އޮޑިޓަރު، މޯލްޑިވިއަން
  7. މުހައްމަދު ޝަރާހް – ފައިނޭންޝަލް ކޮންޓްރޯލަރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
  8. އައިޝަތު ނިހާ – އެސިސްޓަންޓް ޑިރެކްޓަރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

މި ފޯރަމްގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަންދޫބުން ވެސް ބައިވެރިވެ އެވެ. އަދި، އީއާރްއެމްއާ ގުޅޭ އެކި ދާއިރާތަކާ ގުޅޭގޮތުން ދައިރާގެ ތަޖުރިބާކާރުންގެ ވާހަކަތައް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ހިޔާލު ބަދަލުކުރުމާއި މަޝްވަރާތައް ވެސް މި ފޯރަމްގެ ތެރެއިން ކުރިއަށްދާނެ އެވެ.