އިސްމާއީލް މޫސާ، މަޝްހޫރު ނަމުން ނަމަ ޖަމްބޯ އިއްސެ މިދިޔަ ހުކުރު ދުވަހު މަގުމަތީގެ އެކްސިޑެންޓެއްގައި ނިޔާވުންވީ ގިނަ ބަޔަކަށް ލިބުނު ބޮޑު ޝޮކަކަށެވެ. އެންމެންނާ ގުޅޭ، ހިތްހެޔޮ މިޒާޖުގެ ވިޔަފާރިވެރިޔާގެ މަރުން ދިވެހި ވިޔަފާރިވެރިންނަށް ކުރި އަސަރު ބޮޑެވެ. ޚާއްސަކޮށް ތައިލޭންޑުން މުދާ ގެނެސް ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް އިއްސެގެ ވަކިވުމަކީ ލިބުނު ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމަކަށްވި އެވެ.

އިއްސެ ވިޔަފާރީގެ ތެރެއަށް ނުކުތުން

ބޭންކޮކްގައި ކާމިޔާބު ވިޔަފާރިއެއް ހިންގަމުން އައި ފުވައްމުލަކު ބޮޑުމަގުގެ، އިއްސެ މަސައްކަތަށް ނުކުތީ ވަރަށް ހަނގު އުމުރުގައި 1987 ގަ އެވެ. ފައިވާން ވިއްކުމުގެ ވިޔަފާރި ކުރަމުން ގެންދިޔަ ފުވައްމުލަކުގެ ވިޔަފާރި ވެރިއެއްކަމުގައިވާ ފްރީ ގައިޒް ޑީޑީގެ ފިހާރާގައި ދުވަސްކޮޅަކު މަސައްކަތް ކުރުމަށް ފަހު އިއްސޭގެ ބޭބެއަކާއެކު މަޖީދީ މަގުގެ ސްޓާ ސިނަމާ ހިސާބުގައި ކުޑަ ފައިވާން ފިހާރައެއް ހުޅުވި އެވެ.

މަޖީދީމަގުގެ ސްޓާ ސިނަމާ ހިސާބުގައި ހުޅުވި އެ ކުޑަ ފައިވާން ފިހާރަވީ އިއްސެ އަމިއްލަ ވިޔާފާރިއަށް ފެށުމަށެވެ. 1993 ވަނަ އަހަރު އިއްސެގެ ބޭބެއާ އެކު ފެށި އެ ވިޔަފާރީގެ ކާމިޔާބާއެކު ޖަމްބޯގެ ނަމުގައި މުޅިން އަމިއްލަ ފިހާރައެއް ހުޅުވައި މަސައްކަތް ފުޅާކުރި އެވެ. ބެންކޮކުން މުދާ ގެނެސް ކުރަމުން ދިޔަ އެ ވިޔަފާރި ހައެއްކަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފުޅާވެ، މާލެއާއި ފުވައްމުލަކަށް ފުޅާ ކުރިއެވެ. 2000 ވަނަ އަހަރު ޖަމްބޯ ފިހާރައިގެ 4 ފިހާރަ މާލޭގައި ފުވައްމުލަކުގައި 2 ފިހާރަ ހުއްޓެވެ.

މާލެއިން ބެންކޮކަށް

އިއްސެގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުﷲ ނައީމް (ހޭޅި) ބުނި ގޮތުގައި އިއްސެ ބެންކޮކަށް ބަދަލުވާން ޖެހުނު މައިގަނޑު ސަބަބަކީ ވިޔަފާރީގައި އޭނާ ކުރިއަށް ދާން ބޭނުންވި ބާރު މިނުގައި ކުރިޔަށް ދާން ދިމާވަމުން ދިޔަ ގޮން ޖެހުންތަކަށް ހައްލު ހޯދުމަށެވެ.

"އޭރު ވާގޮތަކީ ވިޔަފާރި އޮތީ ވަރަށް ފުޅާވެފައި. ހަ ފިހާރައަށް މުދާ ގެންނަން ބަލާއިރު ބޭންކުން ލިބެނީ އެއްލައްކަ ރުފިޔާގެ އެލްސީ. ބޭންކުން އެއްވެސް ވަރެއްގެ އެއްބާރު ލުމެއް ނުލިބޭ،" ނައީމް "ހުރިހާ" އާ ވާހަކަދައްކަމުން ބުންޏެވެ.

ޖަމްބޯ އިއްސޭ ބޭންކޮކްގައި ހިންގާ ޖަމްބޯ ފޯވާޑިންއިން މުދާތަކެއް އެއާ ކާގޯ މެދުވެރިކޮށް ފޮނުވަން ތައްޔާރުކޮށްފައި.

ނައީމް ބުނި ގޮތުން އިއްސެ މާލެ ދޫކޮށް ބެންކޮކަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ބެންކުން ދިމާވަމުން ދިޔަ ތަފާތު ދަތިތަކާ ހުރެ މާލޭގައި އޭނާގެ އުންމީދުތަކާ އެއްވަރަށް ވިޔަފާރި ކުރިޔަށް ގެންދެވެން ނެތް ކަމަށް އަމިއްލައަށް ވިސްނުމެވެ. އެ ވިސްނުމުގައި އިއްސެ ރާއްޖެ ދޫކޮށް ތައިލޭންޑަށް ދިޔައީ 2001 ވަނަ އަހަރުގެ ތެރޭގަ އެވެ.

ބެންކޮކްގައި އިއްސެގެ ކާމިޔާބު ވިޔަފާރި

މާލެއާ ފުވައްމުލަކުގައި ހިންގަމުން ދިޔަ ފިހާރަތައް ދޫކޮށްލައި ތައިލޭންޑަށް ގޮސް އެ ގައުމުގެ ވެރިރަށް ބެންކޮކްގައި ވެސް އިއްސޭ ކުރީ ފައިވާނުގެ ވިޔަފާ އެވެ. ތައިލޭންޑުގައި ފައިވާން ފެކްޓްރީއެއް ހަދައި، ފައިވާން އުފެއްދުމުގެ މަސައްކަތް ފެށުމަށް ފަހު އައިއެމްއޭ ފުޓުވެއާގެ ނަމުގައި ފައިވާނުގެ ހޯލްސޭލް ފިހާރައެއް ހިންގަން ފެށި އެވެ.

ޖަމްބޯ އިއްސޭ ބޭންކޮކްގައި ހިންގާ ޖަމްބޯ ފޯވާޑިންގެ ގުދަނަކުން މުދާ ނެރެގެން ގެންދަން ތައްޔާރުވަނީ.

އިއްސެގެ ފެކްޓްރީގައި އޭނާގެ އަމިއްލަ ބްރޭންޑްތަކުގެ ފައިވާނާއި ބޫޓުތައް އުފައްދައި ޔޫރަޕާއި މެދު އިރުމައްޗާއި ދިވެހި ރާއްޖެއަށް އެކްސްޕޯޓު ކުރަމުން ގެންދިޔަ އެވެ. އޭނާގެ ބްރޭންޑްތަކުގެ ތެރޭގައި "ރޫނީ" އާއި "މަލްޑީނީ" އާއި "ރީފް" އަކީ މަޝްހޫރު ނަންތަކެކެވެ. ފައިވާން ފެކްޓްރީ އާއި ފައިވާނުގެ ހޯލްސޭލް ފިހާރައިގެ އިތުރުން "ނާނާ ޕާން ބިސްކޯ" ގެ ނަމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ކޮސްމެޓިކްސް ފިހާރައެއް ވެސް އިއްސޭ އައީ ތައިލޭންޑްގައި ހިންގަމުންނެވެ.

ޖަމްބޯ އިއްސޭ (ކ1) އަދި ފުވައްމުލަކުގެ ބައެއް ވިޔަފާރިވެރިންނާއެކު މާލޭގެ ރެސްޓޯރަންޓެއްގައި.

ތައިލޭންޑުގައި އިއްސެ ކުރަމުން ދިޔަ ވިޔަފާރީގެ ތެރެއިން ދިވެހިންނާ އެންމެ ގުޅުން ބޮޑު ޚިދުމަތަކީ "ޖަމްބޯ ފޯވާޑިން"ގެ ނަމުގައި ހިންގާ، ތައިލެންޑުން މުދާ ފޮނުވައި ދިނުމުގެ ޚިދުމަތެވެ. ރާއްޖެއަށް ބެންކޮކުން މުދާ ގެންނަ ވިޔަފާރިވެރިންނަށް ވަރަށް ފަސޭހައިން ލިބެމުން ދިޔަ މި ޚިދުމަތަކީ ހަމަ އެކަނި ރާއްޖެއަށް ފޯރުކޮށް ދެމުން ދިޔަ ޚިދުމަތެއް ނޫނެވެ.

ޖަމްބޯ އިއްސޭ (ނޫކުލައިގެ ގަމީހެއްގައި) އަދި ފުވައްމުލަކުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ބަޔަކާއެކު ރެސްޓޯރަންޓެއްގައި.

އިއްސޭގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެ ނައީމު ބުނި ގޮތުގައި ޖަމްބޯ ފޯވާޑިންގެ ވިޔަފާރިއަށް ބަލާއިރު ރާއްޖެއަށް އަންނަނީ ވަރަށް ކުޑަ ޕަސެންޓެކެވެ. ޔޫރަޕާއި މެދުއިރު މައްޗަށް އެކުންފުނީގެ ވިޔަފާރި ފުޅާ ވެފައިވާވަރު މާ ބޮޑެވެ. އަދި އެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިފަހަރު އިއްސެ ރާއްޖެ އައިސް ޖަމްބޯ ފޯވާޑިންގެ އޮފީހެއް މާލޭގަައި ވެސް ހުޅުވާފައިވެ އެވެ.

ވިޔަފާރި ފުޅާ ކުރުމުގެ ބޭނުމުގައި 2001 ވަނަ އަހަރު ތައިލޭންޑަށް ދިޔަ އިއްސެ ތައިލޭންޑުގައި ކާމިޔާބު ވިޔަފާރިއެއް ހިންގުމަށް ފަހު އޭގެ 21 އަހަރު ފަހުން އެނބުރި ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ.

ޖަމްބޯ އިއްސޭ (މ) އަދި ފުވައްމުލަކުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ބަޔަކާއެކު އެއާޕޯޓުގައި މަޑުކޮށްލައިގެން.

އެ މަހު 10 ވަނަ ދުވަހު އޭނާގެ އުފަން ރަށް ފުވައްމުލަކަށް ދިޔައީ ރަށަށް ނުދާތާ 22 އަހަރު ފަހުންނެވެ. އިއްސެ ބުނެފައިވާ ގޮތުގައި ރާއްޖެއައީ އާއިލާ އާއި ގާތް މީހުން ދެކިލުމަށެވެ. ރައްޓެހިންނާއި އާއިލާއާ ބައްދަލުކޮށްލަން އައި އިއްސެގެ ދަތުރު ނިންމައިލައި ފުރަން ތައްޔާރުވަމުން ދަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވިއިރު 4 ކުދިން އެބަ ތިއްބެވެ.

ޖަމްބޯ އިއްސޭ (ނޫކުލައިގެ ގަމީހެއްގައި) އަދި ފުވައްމުލަކުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ބަޔަކާއެކު ރެސްޓޯރަންޓެއްގައި.

އިއްސޭގެ ފުރަތަމަ ކައިވެންޏަށް އެއް ކުއްޖަކު އަދި ދެވަނަ ކައިވެންޏަށް ލިބިފައިވާ ތިން ކުދިން ރާއްޖޭގައި ތިބިއިރު، ބެންކޮކްގައި ވެސް އޭނާގެ އަންބަކާއި 3 އަހަރުގެ ކުޑަ ކުއްޖަކު ވެސް އެބަހުއްޓެވެ. އިސްމާއީލް މޫސާގެ ފުރާނައަށް މާތްﷲ ރަހުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އެވެ. އާމީން!