އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގެ މިއަހަރުގެ އަހަރީ ދުވަހާ ގުޅިގެން މައިގަނޑު ދެ ކަމެއް ކުރުމަށް އެ ކުންފުނިން ނިންމާފައިވެ އެވެ. އެގޮތުން އެސްޓީއޯ ސޭލްގެ ނަމުގައި މިއަދު ސޭލެއް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. އެ ސޭލް ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގަ އެވެ.

މިއަދު ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ގުރުއަތުން ހޮވޭ 58 މީހަކަށް ގިފްޓް ހެމްޕައެއް ލިބޭނެ އެވެ.

މި ސޭލްގެ އިތުރުން ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އެސްޓީއޯ އަށުވަންނަ، މި ނަމުގައި މާދަމާއިން ފެށިގެން 5 ދުވަހުގެ މުއްދަތަށް އިންސްޓަގްރާމްގައި މި ކެމްޕޭން ކުރިއަށް ދާނެ އެވެ. މި ކެމްޕޭން ކުރިއަށް ގެންދާނީ އެސްޓީއޯއާއި "ސޯސަލް" ގުޅިގެންނެވެ.

ކެމްޕޭންގައި އެސްޓީއޯއާ ގުޅޭ 5 ސުވާލެއް އަހާނެ ކަމަށާއި އަދި ކޮންމެ ދުވަހަކު ވެސް އަހާނީ 1 ސުވާލު ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި މި 5 ސުވާލަށް ރަނގަޅު ޖަވާބުދޭ 58 ފަރާތަކަށް ގިފްޓް ހެމްޕައެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.