އަހަރުގެ ފަހު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ބާރު ބޮޑުވެފައިވާތީ، ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.

އެމްއޭސީއެލްއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއީ ޗުއްޓީ ދުވަސްވަރަށް ވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިގު ކިއުތަކާއި ޑިލޭތައް މަދުކުރުމަށް ފުރާ ފަރާތްތަކުން ފުރުމުގެ 3 ގަޑި އިރު ކުރިން ޗެކިން ވުމަށް އެދޭ ކަމަށެވެ. އަދި އޮޕަރޭޝަން ވީހާ ވެސް ފަސޭހައިން ކުރިއަށް ގެންދިއުމަށްޓަކައި ފުރާ ފަރާތްތަކުން، ޗެކިންވުމުގެ ކުރިން އިމުގާ ފޯމް ފުރިހަމަ ކުރުމަށް ވެސް އެދިފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަންގެ އެންމެ ބާރުބޮޑު އެއް މަހެވެ. އަދި ދަތުރުކުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ކަމާ ބެހޭ ފަރާތްތަކާއެކު ފުރާ އަދި އަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރިޔަށް ގެންދެ އެވެ.

އެގޮތުގެ މަތިން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޑިޕާޗާއަށް 7 ކައުންޓަރު އަދި އެރައިވަލްއަށް 11 ކައުންޓަރު އިތުރުކޮށްފަ އެވެ. އޭގެ އިތުރުން އޮޕަރޭޝަން ވީހާ ވެސް ފަސޭހައިން ގެންދިއުމަށް އެއާޕޯޓް އޮފިޝަލުންނާއި ކަމާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންގެ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ.