މާލޭގައި މިވަގުތު ގަރާޖު ހިންގާ ފަރާތްތަކުގެ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލެއިން ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިގަރާޖްތައް ބަދަލުކުރުމަށް ހުޅުމާލެއިން ދޫކުރަން ނިންމާފައި ވަނީ 23 ބިމެކެވެ.

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް، މާލޭގައި މިހާރު ހުރި 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1،000 އަކަފޫޓުގެ ބިން ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އަދި 1،000 އަކަފޫޓަށް ވުރެ ބޮޑެތި ގަރާޖުތަކަށް 1،300 އަކަފޫޓުގެ ބިން ދޫކުރުމަށް އެ ކުންފުނިން ނިންމާފައިވެ އެވެ.

ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގިފިލާއަށް އިމާރާތްކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ބިންތައް ކުއްޔަށް ހިފުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި މިހާރު ހިންގަމުންދާ ގިނަ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމުންގެ ގެތަކުގައި ހިންގަމުންދާ ތަންތަނެވެ. މި ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިން ކުރުން ފަދަ ކަންކަން ކުރެ އެވެ. އަދި ތަފާތު ކެމިކަލްތައް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެ އެވެ.

އެ އިއުލާނާ އެކު، އެޗްޑީސީން ވަނީ އެ ބިންތަކުގައި ގަރާޖާއި ވޯކްޝޮޕްތައް ހިންގޭނެ ގޮތުގެ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ. އެ ގައިޑްލައިންގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި؛

• ގަރާޖު ހެދުމުގެ ކުރިން އެޗްޑީސީ އަށް ޑިޒައިން ހުށަހަޅައި އިމާރާތް ކުރުމުގެ ހުއްދަ ހޯދަން ޖެހޭނެ.

• ގަރާޖު ނުވަތަ ވޯކްޝޮޕް ހިންގުން ނޫން ކަމަކަށް އެ ބިން ބޭނުމެއް ނުކުރެވޭނެ.

• ގަރާޖުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެހިކަލްތަކާއި މަރާމާތަށް ގެންދާ ވެހިކަލްތައް ވެސް ޕާކުކުރަން ޖެހޭނީ ކުއްޔަށް ދީފައިވާ ބިމުގައި.

• ޑިފެންސް މިނިސްޓްރީން ގަބޫލުކުރާ ފަޔާ ސޭފްޓީ ނިޒާމެއް ހުންނަން ޖެހޭނެ.

އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރި ކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެޗްޑީސީ އާއި ސަރުކާރާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ ބިންތައް ކުއްޔަށް ދޫކުރާ އަގެއް އެޗްޑީސީގެ އިއުލާނުގައި ނެތެވެ.