ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު މަތިވެ، އެއާ ޓްރެފިކް މޫވްމަންޓް 10 ޕަސެންޓް އިތުރުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެމްބީއެސްއަށް ފޮނުވި ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރުގެ ޖެނުއަރީން ނޮވެމްބަރުގެ ނިޔަލާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ޖެނެރަލް އޭވިއޭޝަން މޫވްމަންޓް ދިހަ ޕަސެންޓް އިތުރުވިއިރު ޕްރައިވެޓް ޖެޓް މޫވްމަންޓްގެ އަދަދު ވަނީ 53 ޕަސެންޓް އިތުރުވެފަ އެވެ.

އެ ކުންފުނިން ބުނީ އެއާ ޓްރެފިކް މޫވްމަންޓް މިދިޔަ އަހަރުގެ 11 މަސް ދުވަހާ އަޅާބަލާއިރު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕެސެންޖާ މޫވްމަންޓްގެ އަދަދު ވެސް 2019 ވަނަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހާ އަޅާބަލާއިރު 98 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. އަދި މި އަހަރު ނިމޭއިރު 2019 ވަނަ އަހަރުގެ ޕެސެންޖާ މޫވްމަންޓާ އަރާ ހަމަވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު ޕެސެންޖާ މޫވްމަންޓް 40 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ މެދު ތެރޭގަ އެވެ. އަދި އޭރުން ފެށިގެން ރާއްޖެ އަންނަ އެއާލައިންތަކާއި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ.

ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން ލަފާކުރި 1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މިއަދު ވަނީ ހާސިލްވިއިރު، މިއަހަރު ނިމޭއިރު 1.66 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.