ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ހާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހޮވުމަށް ހުށަހަޅާފައިވަނީ، އެ ބޭންކުގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އައްޔަންކޮށްފައިވާ ކާލް ސްޓުމްކަ އެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަބަދުވެސް ހުންނަވަނީ އެ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެނީ ހިއްސާދާރުންގެ ވޯޓުންނެވެ.

ބީއެމްއެލް އިން ބުނީ ޚާއްސަގޮތުންކުރާ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.

ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ. ބީއެމްއެލްގެ ބޯޑުގައި މުޅި ޖުމްލަ ތިބެނީ 11 މެންބަރުންނެވެ. އެއީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަންކުރާ 8 މެންބަރުންނާއި، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ 3 މެންބަރުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަގޮތުންކުރާ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހުން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.