އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފް ނެރޭ ގައުމުތަކާ ގުޅޭ "އާޓިކަލް ފޯ" ޕްރެސް ރިލީޒްގައި ބުނީ، ޓޫރިޒަމް ކުރިއަރަމުން އަންނާތީ ރާއްޖޭގެ އިގްތިސާދު ވެސް އަންނަ އަހަރު ކުރިއަށްދާނެ ކަމަށެވެ. މި އަހަަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 10.5 ޕަސެންޓުގަ އެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަށްދާ މައިގަނޑު ސަބަބަކީ ޓޫރިޒަމް އިތުރަށް ފުޅާވުން ކަމުގައިވީ ވިޔަަސް، ދަތުރުފަތުރުގެ ދާއިރާ އާއި އާންމު ވިޔަފާރިތައް ވެސް ކުރިއަރާނެ ކަމަށް ބުނެފައިވެ އެވެ.

އައިއެމްއެފުން މިގޮތަށް ލަފާކޮށްފައި ވާއިރު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ރާއްޖޭގެ އިގްތިސާދު ކަމަށް 7.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ އިންފްލޭޝަން ވެސް އަންނަ އަހަރު މަތިވާނެ އެވެ. އެ އިދާރާގެ ލަފަޔަކީ އަންނަ އަހަރު 4.9 ޕަސެންޓަށް އިންފްލޭޝަން މަތިވުމެވެ. އެހެންވެ ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން ވެސް ތަކެތީގެ އަގުތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ.

އައިއެމްއެފުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި، ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު އަންނަނީ ވަރަށް ބާރަށް އަނބުރާ އިއާދަވަމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ، އައިއެމްއެފުން ބުނި ގޮތުގައި، ޓޫރިޒަމް ރަނގަޅުވުމުގެ އިތުރަށް "ކަމާ ބެހޭ ފަރާތްތަކުން އެޅި ހަރުދަނާ ފިޔަވަޅު"ތަކެވެ.

އައިއެމްއެފްގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގެ ދަރަނި ބޮޑުވުމެވެ. ކޮވިޑުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން %154 އަށް ދަރަނި އެރުމަށް ފަހު ދަރަނީގެ ނިސްބަތް މިހާރު އެއަަށް ވުރެ ކުޑަވެފައި ވިޔަސް، އަދިވެސް ރާއްޖޭގެ ދަރަނި ވަރަށް ބޮޑު ކަމަށާއި މެދު ރާސްތާގައި ވެސް ދަރަނީގެ މިންވަރު ހުންްނާނީ ވަރަށް މަތީގައިކަން އައިއެމްއެފުން ފާހަގަކުރި އެވެ.

"ބޭރުން ހޯދަން ޖެހޭ ފައިސާގެ މިންވަރު އިތުރުވުމުގެ ސަބަބުން މިހާރު ވެސް މަދުވެފައިވާ ރާއްޖޭގެ [ބޭރު ފައިސާގެ] ރިޒާވަށް އޭގެ ބުރަ ބޮޑުވާނެ. އަދި ދަރަނި ދައްކަން ފައިސާ ހޯދުން ނުވަތަ ދަރަނި ފަސްކުރުން ފަދަ ކަންކަމަށް ކުރިމަތިވާ ގޮންޖެހުން ބޮޑުވާނެ،" ބަޔާނުގައިވެ އެވެ. "ޑޮލަރު ލިބުމުގެ ދަތިކަން ދެމި އެބައޮތް. އެކަން ހާމަވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން."