ދިރާގުގެ 2023 ކަލަންޑަރު – #InspiredConnections ލޯންޗުކޮށްފި އެވެ.

މި ކަލަންޑަރު ނެރުނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ.

ދިރާގުގެ 2023 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތަފާތު ބާރަ މީހެއްގެ ވާހަކަ އެވެ. މިއިން ކޮންމެ ވާހަކައެއް ވެސް ދައްކުވައިދީފައި ވަނީ ތަފާތު ކުލަގަދަ ކުރެހުންތަކަކާއި މިއުޒިކާއެކު އޭއާރް (އޮގްމެންޓެޑް ރިއަލިޓީ) މެދުވެރިކޮށެވެ.

ދިރާގުން ބުނިގޮތުގައި މި ކަލަންޑަރު ބިނާކުރެވިފައި ވާނީ ތިމާވެއްޓާއި، ބަހާއި އަތްތެރި މަސައްކަތާއި މިއުޒިކް، މި ހަތަރު މައުލޫއަށެވެ. ކަލަންޑަރުގައި ހިމަނާފައިވާ ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް ނޭނގި، ނަމަވެސް ކޮންމެ ވެސް ގޮތަކުން އެމީހެއްގެ ދާއިރާއިން ގުޅިފައިވާ މީހުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުގެ 2023 ވަނަ އަހަރު ކަލަންޑަރު ލޯންޗުކުރުމުގެ ހަފުލާގެ ތެރެއިން. ފޮޓޯ: ދިރާގު

"އަޅުގަނޑުމެންނަކީ ދިވެހިރާއްޖޭގެ ގުޅުން. އެގޮތުން މި ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން ފާހަގަކޮށް އަގުވަޒަންކުރަން ބޭނުންވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް ގުޅިފައިވާ ހައިރާންކކުރުވަނިވި ގޮތްތައް. އެހެންކަމުން ދިރާގު 2023 ގެ ކަލަންޑަރުގެ ޒަރިއްޔާއިން އަޅުގަނޑުމެން އުއްމީދު ކުރަނީ މި ބާރަ މީހުންނެކޭ އެއްފަދައިން ކުރިއަށް އޮތް ޖީލުތައް ވެސް އީޖާދީ ކަންތައްތައް ހާސިލްކުރުމަށާއި އައު ގުޅުންތައް ގާއިމުކުރުމަށް ހިތްވަރު ލިބިގެން ދާނެ ކަމަށް." މިއަދުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ޑައިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

ދިރާގުގެ 2023 ވަނަ އަހަރު ކަލަންޑަރު ލޯންޗުކުރުމުގެ ހަފުލާގައި މީހަކު ސްނެޕްޗެޓް ކޯޑުން ސްކޭން ކުރަނީ. ފޮޓޯ: ދިރާގު

2023 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ މީހުންގެ ވާހަކަތައް ކޮންމެ މަހެއްގެ ޚާއްސަ ސަފްހާގައިވާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށްގެން ތަޖުރިބާކުރެވޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަށް ވެސް ގުޅުވާލަދީ، އެފަރާތްތަކުގެ އަގު ވަޒަންކުރުމަށެވެ.