ށ. މިލަންދޫ މަގުހެދުމަށް 156.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ފަށައިފި އެވެ.

އާރުޑީސީން އެ ރަށުގެ މަގުހެދުން ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި މަޖިލީހުގެ މެމްބަރު އަލީ ރިޒާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު މޫސާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް މަގުތަކުގެ ފުރިހަމަ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށެވެ. އަދި މިލަންދޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފެށިއިރު، އެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި، އެ ގޮތުން މަޝްރޫއުގެ ސާވޭއާއި ޑިޒައިންކުރުމުގެ މަސައްކަތާއި މަޝްރޫއަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ނިންމުމާއި މަސައްކަތަށް ބޭނުންވާނެ އެންމެހާ ވަސީލަތްތަކާއި ތަކެތި ހޯދުމުގެ މަސައްކަތްވަނީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޝްރޫއުގެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި ނިންމުމަށްޓަކައި ރައްޔިތުންގެ ސަޕޯޓާއި ޖޯޝާ ފޯރިއަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެކަންތައްތަކެއް ކަން މާޒީގެ މިފަދަ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ވަނީ އެނގިފަ. މިލަންދޫއަކީ ތަރައްގީއަށާއި ކުރިއެރުމަށް އެދިއެދި ތިބި ހިތްހެޔޮ އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށްވާތީ އަޅުގަނޑުމެންގެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާ އެއްބާރުލުން އެންމެފުރިހަމަގޮތުގައި ލިބިގެންދާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަން،" މޫސަ ވިދާޅުވި އެވެ.

މިލަންދޫ މަގުހެދުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އާރުޑީސީ

އެ ކުންފުނިން ބުނީ ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން އެ ރަށުގެ 6.15 ކިލޯ މީޓަރުގެ މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ހަދާނެ ކަމަށެވެ. އަދި އެ މަސައްކަތް ފަށާތާ 520 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އާރުޑީސީން ބުންޏެވެ.