ޕްރޮކިއުމަންޓްގެ ނިޒާމުގެ އެއްވެސް އުސޫލަކާ ޚިލާފު އަދި ކޮރަޕްޝަނަށް މަގުފަހިވެދާނެ އެއްވެސް އަމަލެއް ހިނގާފައެއް ނުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިންޝުއަރެންސް ނެގުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ބޭނުންވާ އިންޝުއަރެންސްތައް ހޯދުމަށްޓަކާ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގެ ދަށުން ކުރިއަށްގެންދިޔަ ޕަބްލިކް ޓެންޑާ ޕްރޮސެސް ހުއްޓާލައި، ހުރިހާ ބިޑްތަކެއް ކެންސަލްކޮށް ޓެންޑަ ޕްރޮސެސް ބާތިލުކޮށްފައިވާ ކަމަށެވެ.

މިގޮތަށް ނިންމީ، ޕްރޮކިއުމަންޓް ޕްރޮސެސްއާއި އިވެލުއޭޓްކުރުމުގެ ޕްރޮސެސްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ކަމަށް އެކުންފުނިން ބުނެ އެވެ. އަދި އެއީ އެކުންފުނިން ޢަމަލުކުރާ ޕްރޮކިއުމަންޓް ޕޮލިސީއާއި ޓެންޑަ ޑޮކިއުމަންޓުގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމެވި ނިންމެވުމަށް ކަމަށް ވެސް އެމްއޭސީއެލް ބުނެ އެވެ.

އިންޝުއަރެންސް ޕޮލިސީތަކުގެ މުއްދަތު ހަމަވުމަށް ވަގުތު ކުޑަތަންވެފައިވާތީ، އަލުން ޓެންޑަރަށް ހުޅުވާލުމުގެ ފުރުޞަތު ނެތުމުން، އެމްއޭސީއެލުން ވަނީ ސަރުކާރުގެ އަގުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއްގެ ސަބްސިޑިއަރީ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްއަށް މި މަސައްކަތް ހަވާލުކޮށްފަ އެވެ.

މިގޮތަށް ނިންމީ، ކުންފުނިން ޢަމަލުކުރާ ޕްރޮކިއުމަންޓް ޕޮލިސީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ކުންފުންޏަށް އެންމެ ފައިދާހުރި ގޮތްކަމަށްވާތީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ވަނީ މި މުޢާމަލާތްތައް ހިންގުމުގައި ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ އެއްވެސް އުސޫލަކާ ޚިލާފު އަދި ކޮރަޕްޝަނަށް މަގުފަހިވެދާނެ އެއްވެސް އަމަލެއް ކޮށްފައިނުވާ ކަމަށް ބުނެފަ އެވެ. އަދި މިކަން ހިނގާފައިވާގޮތް ކަމާބެހޭ އިދާރާތަކުން ބެލުމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.