އަންނަ އަހަރުން ފެށިގެން ބްރިިޓިޝް އެއާވޭސްއިން މުޅިން އަލަށް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ބްރިޓިޝް އެއާލައިންއަކީ ޓޫރިޒަމް ރަނގަޅު ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ސީޒަނަލް ދަތުރުތައް ކުރަމުން އަންނަ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިނެވެ. މިއަހަރުގެ ވެސް ފިނި މޫސުމާ ދިމާކޮށް އެ އެއާލައިނުން އަންނަނީ ދަތުރުތަކެއް ކުރަމުންނެވެ.

އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސީޒަނާ ދިމާކޮށް ރާއްޖެއަށް ގިނަ އެއާލައިންތަކުން ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރު ބްރިޓިޝް އެއާލައިނުން ވެސް ރާއްޖެއަށް ފުރަތަމަ ފަހަރަށް ޝެޑިއުލް ދަތުރުތައް ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބްރިޓިޝް އެއާވޭސް ކޮންމެ އަހަރަކު ވެސް ސީޒަނާ ދިމާކޮށް ރާއްޖެއަށް ދަތުރުކުރޭ. ނަމަވެސް އަންނަ އަހަރުން ފެށިގެން މުޅި އަހަރު ރާއްޖެއަށް ދަތުރުކުރަން ނިންމާފައިވަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު ސަމާ ސީޒަނުން ފެށިގެން ހަފުތާއަކު ތިން ދަތުރު ލަންޑަން- މާލެ ކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް މަންޒިލެވެ.

މިއަހަރުގެ ސީޒަންއާއި ދިމާކޮށް، ކޮވިޑާ ހެދި ހުއްޓާލި 8 އެއާލައިނަކުން އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އޭގެ ތެރޭގައި އެއާ ފްރާންސް، އޮސްޓްރިއަން އެއާވޭސް، ނިއޮސްޕާ، ޔޫރޯވިން، ކޮންޑޯ، ލޮޓް ޕޮލިޝް، އަދި އައިޓީއޭ ހިމެނެ އެވެ. މީގެ އިތުރުން މުޅިން އަލަށް ދެ އެއާލައިނަކުން ވެސް ރާއްޖެއަށް ދާދިފަހުން ވަނީ ދަތުރުތައް ފަށާފަ އެވެ. އެއީ ވިޒް އެއާ، އަދި ކުވެއިތު އެއާވޭސް އެވެ.