ރަޝިޔާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަށް އަލުން ފެށުމަށް ނިންމައިފި އެވެ.

އެއިރޯފްލޮޓް އިން ރާއްޖެ އަށް ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ، ކޮންމެ ބުރާސްފަތި އަދި އާދިއްތަ ދުވަހެއްގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓު، ރަޝިޔާގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމަށް އެ ގައުމުން ވަނީ މި މަހުގެ 3 ވަނަ ދުވަހު ހުއްދަ ދީފި އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އަށް ވަނީ 7 އެއާލައިނަކުން ދަތުރުތައް އަލުން ފަށާފަ އެވެ. އެއީ، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު، ޓާކިޝް، ސްރީ ލަންކަން، އެއާ އިންޑިއާ އަދި އިންޑިގޯ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު އަލުން ހުޅުވިތާ ދޮޅު މަސް ދުވަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ލަފާކުރާ ގޮތުން އަންނަ މަހުގެ ނިޔަލަށް ރާއްޖޭގެ 94 އިންސައްތަ ރިސޯޓް އަލުން ހުޅުވާނެ އެވެ. އެއީ 156 ރިސޯޓުގެ ތެރެއިން 146 ރިސޯޓެވެ.