ރާއްޖެއަށް މިއަދު އެކަނި 4567 ޓޫރިސްޓުން އަތުވެއްޖެ އެވެ.

މިއީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އައި ޓޫރިސްޓުން އަދަދު މިއަދު އެކަނި 4،567 އަށް އިތުރުވެފައިވާ ކަމަށެވެ. އެކަމަށްޓަކައި ޓޫރިޒަމް އިންޑަސްޓްރީއަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެކަނި ރާއްޖެއަށް 46،104 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މުޅި މިދިޔަ މަހު ރާއްޖެއަށް އައިސްފައި ވަނީ 35،759 ޓޫރިސްޓުންނެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ. އެ ގައުމުން އެކަނި 23،226 ޓޫރިސްޓުން މިހާތަނަށް އައިސްފައިވެ އެވެ. އޭގެ އިތުރުން އިންޑިއާއިން 18،756 ޓޫރިސްޓުން، އިނގިރޭސިވިލާތުން 12،372 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް 458 ޓޫރިސްޓު ފެސިލިޓީއެއްގެ 39،193 އެނދު ބޭނުންކުރެ އެވެ. އަދި އިތުރު ދެ ރިސޯޓާއެކު 320 އެނދު މިމަހުގެ ތެރޭގައި އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ.