ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް އެންމެ ފަހުން ހުއްޓާލަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރެގިއުލޭޓަރީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކަށް ރިއާޔަތްކޮށް،  ކުންފުންޏާއި ހިއްސާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގު ޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުން ނިންމާފައިވާ ކަމަށެވެ. މިގޮތުން، ގަވާއިދުގައިވާ ގޮތުގެ މަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖެނުއަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސް ކަމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

" ދިރާގުން މިނިންމުން ނިންމަންޖެހުނީތީވެ ނުހަނު ހިތާމަކުރާކަމަށައި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މަޢާފަށް ވަނީ އެދިފަ އެވެ.

ދިރާގުޓީވީ ޚިދުމަތާއި ގުޅޭގޮތުން މިއަހަރުގެ އޮކްޓޫބަރުމަހު ކޮށްފައިވާ އިއުލާނާއި ޙަވާލާދީ ދިރާގުން މިއަދު އިއުލާންކުރިގޮތުގައި 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަނީ (އެމްބީސީ) ހުށައަޅާފަ އެވެ. އަދި ޖަނަވަރީ 2022 ގައި އެމްބީސީއިން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއް ކަމަށް  އެމްބީސީއިން ވަނީ  ނިންމާފައި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

އެމްބީސީއިން ތަޢާރަފުކުރި މި އިސްލާހުގައި ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ.

"އެ ވާއިދަށް ގެނައި މި ކުއްލި ބަދަލާއި ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއިއެކު މި އަހަރު ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ދިރާގުންވަނީ ކޮށްފަ އެވެ. އަދި ލައިސަންސް އައުވާނެކަމުގެ ޔަޤީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންތަކެއް ވެފައިވޭ،" އެކުންފުނިން ނެރުނު ނޫސްބަޔާކުގައި ހާމަކޮށްފައިވެ އެވެ. ​

ދިރާގުން ބުނިގޮތުގައި ކަންމިހެން އޮތްނަމަވެސް، މިދަނޑިވަޅުގައި ދިރާގުން އެންމެ އިސްކަމެއްދީފައި ވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގުޓީވީ ކަސްޓަމަރުންނަށް، ތަފާތެއް ނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުސަތުން މަހްރޫމް ވިޔަނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށެވެ. މިގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އެކުންފުންޏަށް ހުށަހެޅި އެކި ފަރާތްތަކާއެކު މަޝްވަރާކުރި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ ސަން ޝިޔާމްގެ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އައު ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް  ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ހިއްސާ ކުރާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.​

ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ 85 ޕަސެންޓް ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް  ލިބުމަށް ވަނީ މަގުފަހިކޮށްދީފަ އެވެ. ދިރާގުޓިވީއަށް ލިބުނު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ ތަރުހީބާއި، އިތުބާރާއި އެއްބާރުލުންކަން ފާހަގަކޮށް ކުންފުނީގެ ފަރާތުން އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރި އެވެ.​