އާ އަހަރާ ދިމާކޮށް 4 ދުވަހަށް ބޭންކުތައް ބަންދުކުރުމަށް ނިންމައިފި އެވެ.

މިމަހުގެ 29 ވަނަ ދުވަހު ބޭންކުތައް ބަންދުކުރާއިރު ދެން ބޭންކުތައް ހުޅުވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އެވެ. މި މުއްދަތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ވެސް ބަންދުވާނެ އެވެ.

ކޮންމެ އަހަރެއްގެ ނިމުމާއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރެ އެވެ. ބޭންކު ބަންދުކުރި ނަމަވެސް ބީއެމްއެލް އަދި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައި ހުރި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ.

ބީއެމްއެލްއިން ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް ވެސް ބީއެމްއެލްގެ ޚިދުމަތްތައް ލިބޭނެ ކަމަށެވެ. އަދި ބޭންކުތައް ބަންދުކުރާ މި މުއްދަތުގައި ބީއެމްއެލް އަދި އެމްއައިބީގެ މޯބައިލް އެޕް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ.