އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން މޯލްޑިއަނުން އަލަށް ގެންނަ އޭޓީއާރު މަރުކާގެ ތިން ބޯޓުގެ ތެރެއިން ދެ ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ އިސް އޮފިޝަލަކު ވިދާޅުވީ މިހާރު ކުރިއަށްދަނީ ފުރަތަމަ ގެންނަ ދެ ބޯޓު ރާއްޖެ ގެނައުމުގެ ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތަކުގެ މަސައްކަތް ކަމަށެވެ.

އެ ދެ ބޯޓު ވެސް ރާއްޖެ އަންނާނީ ފްރާންސުންނެވެ. ނަމަވެސް މި ބޯޓުތައް ރާއްޖެ އަންނާނީ ބައެއް ތަންތަނުގައި ޓްރާންސިޓް ކުރަމުންނެވެ.

މިއީ މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އާކުރުމަށް ގެންނަ ބޯޓުތަކެކެވެ. އޭޓީއާރު މަރުކާގެ ތިން ބޯޓު ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިއަހަރު އެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓާއި، އޭޓީއާރު 42 މަރުކާގެ އެއް ބޯޓެވެ.

އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުން ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

އެކުންފުނިން ބުނީ އަލަށް ގެންނަ ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދު ވެސް ކުޑަ ބޯޓުތަކެއް ކަމަށެވެ.

ސްކޫލް ބަންދާއ ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް އިތުރުވާތީ މިދިޔަ މަހު މޯލްޑިވިއަނުން ވަނީ "ވެޓް ލީސް" އެއާކްރާފްޓެއް ވެސް ރާއްޖެ ގެނެސްފަ އެވެ.

މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރަން އެއާބަސްގެ ބޯޓެއް ހޯދުމަށް ވެސް ދާދިފަހުން އިއުލާންކޮށްފައިވެ އެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް މަރުކާގެ ދެ ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޑޭޝް 8 މަރުކާގެ 10 ބޯޓެވެ.

މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަށެވެ. އަދި އެތެރޭގެ އުދުހުންތައް ބ. ދަރަވަންދޫ އާއި ކުޑަހުވަދޫ އެއާޕޯޓް ނޫން އެހެން ހުރިހާ އެއާޕޯޓަކަށް މޯލްޑިވިއަނުން ދަތުރުކުރެ އެވެ.