ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް އިތުރު ރަށަކާއި ފަޅެއް ދޫކުރަން ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މީގެ ކުރިން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރަން ކަނޑައެޅި ހަރަށުގެ ތެރެއަށް މިހާރު އިތުރުކޮށްފައި ވަނީ ނ. ދެކެނެންފަރު އާއި ނ. ދިގުފަރު އެވެ.

މިއީ މިއަހަރުގެ ޖޫންމަހު ގެޒެޓުކޮށްފައިވާ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ރަށަކާއި ފަޅެކެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ޚަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެ އެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން މީގެ ކުރިން ވަނީ ހަ ރަށެއް ކަނޑައަޅާފަ އެވެ. އެއީ ކްރޮސް ސަބްސިޑީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅާފައިވާ ރަށްތަކެވެ. ނަމަވެސް، ކުރިއަށް އޮތް ތާނގައި މި ލިސްޓަށް އުނި އިތުރުކަން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާފައިވާ ރަށްތައް:

  • ށ. ކުޑަޅައިމެންދޫ
  • ނ. ކުންނަމަލެއި
  • ޅ. މެއްޔަފުށި
  • ތ. ދިއްފުށި
  • ތ. ކަޅުފަހަލަފުށި
  • ގއ. ފުޅަނގި

ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ގެންގުޅުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރަށްރަށް ދޫކޮށްފައި ހުރިނަމަވެސް، މީގެ ކުރިން މިހެން ހިންގާ މަޝްރޫއުތަކަށް ރަށްތައް ހަވާލުކުރުމާއި އެކުއިޒިޝަން ކޮސްޓު ކަނޑައަޅާނެ ގޮތުގެ އުސޫލެއް ނޯވެ އެވެ.