ސްޓެލްކޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައިފި އެވެ.

ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ އެންމެ ބޮޑު ކުންފުނީގެ މި ޖަލްސާގައި ވަނީ ވޭތުވެދިޔަ 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގާއި މެދު އަލިއަޅުވާލައިފަ އެވެ. އެގޮތުން، ދުނިޔެއަށް ދިމާވި، ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު، އަދި ދުނިޔެއާއި، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއެކު ވެސް، އެ ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިކަން ފާހަގަ ކުރެ އެވެ. އަދި މީގެ އިތުރުން ކޮވިޑްގެ ދަތި ހާލުގައި އެކި ވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި، ރައްޔިތުންނަށް ފޯރުވައިދީފައިވާ ކަން ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.

މީގެ އިތުރުން 2023 ވަނަ އަހަރަށް ކުންފުނިން ލަފާ ކުރާ ބަޖެޓް ވެސް ވަނީ އޭޖީއެމްގައި ހުށަހަޅާފަ އެވެ. އަދި މިއީ ސާޕްލަސް ބަޖެޓެއް ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

އެ ކުންފުނިން ބުނީ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާ ވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުން ކަމަށާއި އަދި އެ ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުން ކަމަށެވެ. އަދި ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުން ވެސް ހިމެނޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

ކަރަންޓު ކުންފުނިން ބުނީ އެ ކުންފުނީގެ ވިޔަފާރި ޑައިވާސިފައިކޮށް، ސޭލްސް ސެންޓަރާއި، ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، އިތުރު ވިޔަފާރިތައް އެކްސްޕްލޯކޮށް، އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުން ހިމެނޭ ކަމަށެވެ. އަދި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.

އޭގެ އިތުރުން ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ފޭސް ދޭއްގެ މަސައްކަތް ފަށައި، މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

"މީގެ އިތުރުން މިއަދު ވަނީ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް ވެސް ނިންމާފައި. އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާޓްސިލާއާއި ގުޅިގެން ކުރަމުންދާ ކަމަށާއި، މި ސިސްޓަމް ގާއިމް ކުރެވުމާއި އެކު، ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ،" ސްޓެލްކޯއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ 2020 ވަނަ އަހަރާއި އަޅާބަލާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ އިމްޕްރޫވް ވެފައިވާއިރު، ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) ވަނީ 26 އިންސައްތަ އިމްޕްރޫވްވެފައިވާ ކަމަށެވެ. އަދި ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން ފާހަގަކޮށް، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ރައީސަށް ޝުކުރު ދަންނަވައިފަ އެވެ.