ރާއްޖޭގެ 17 އަތޮޅަކުން 1000 އަށް ވުރެ ގިނަ ބައިވެރިންނާއެކު ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ އަވާ އޮފް ކޯޑް ޕްރޮގްރާމް ނިންމާލައިފި އެވެ.

އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް ހަފުތާގެ ދަށުން ކޯޑު.އޯގް އިން ބާއްވާ ބައިނަލްއަގުވަމީ ހަރަކާތެކެވެ.

މިއަހަރު ރާއްޖޭގައި އަވާ އޮފް ކޯޑް ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި މައި އިވެންޓް އޮތީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން ބައިވެރިން ގުރޫޕްކޮށް، ދިރާގާއި ވިމެން އިން ޓެކްގެ މެންޓަރުންނާއި ސްކޫލް ޓީޗަރުން ވަނީ ސައިންސާއި ކޯޑިންގެ ދާއިރާއަށް ކުދިން އަހުލުވެރިކޮށްފަ އެވެ.

އޭގެ އިތުރުން އެކަމުގައި ކުދިން ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވައި، ކޮމްޕިއުޓާ ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ، ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީއެވެ. ފެއްޓުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ދަސްވާ ހުނަރުތަކަކީ ހަމައެކަނި މުސްތަގުބަލުގައި ކުދިންގެ ކެރިއަރަކަށް މުހިއްމު ހުނަރުތަކެއް ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް އަގުހުރި ހުނަރުތަކެއް ކަމަށެވެ.

އަވާ އޮފް ކޯޑަކީ ކޮމްޕިއުޓާ ސައިންސްގެ ދުނިޔެ ދެނެގަނެ، އޭގެ ސަބަބުން ކުދިންނަށް ފައިދާކުރާނެ ގޮތްތައް ދެނެގަތުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުޙައްމަދު މުއްސަދު ވަނީ މިހާރު ތަރައްގީވަމުން އަންނަ ދުނިޔޭގައި ކޮމްޕިއުޓާ ސައިންސާއި ކޯޑިން އިލްމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޯޑިން އިން ޓީމްވޯކާއި ވަގުތަށް ކަމޭހިތުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މައްސަލަތައް ހައްލުކުރުން ފަދަ ބޭނުންތެރި އެތައް ހުނަރެއް ދަސްކޮށްދޭކަމަށާއި، އެއީ ކޮންމެ ދާއިރާއެއްގައި ވެސް ދަރިވަރުންނަށް ފައިދާކުރާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އިވެންޓް އިންތިޒާމު ކުރި ވިމެން އިން ޓެކް މޯލްޑިވްސްގެ ނާއިބު ރައީސް މަރިޔަމް ޝިމާނަތު ވެސް އެ ރަސްމިއްޔާތުގައި ވާހަދެއްކެވި އެވެ. އޭނާގެ ވާހަކައިގައި އަވާ އޮފް ކޯޑް އިވެންޓަކީ ބައިވެރިންނަށް ކޯޑިންގެ އަޖުމަ ބަލާލުމަށް ލިބޭ ފުރުސަތެއްކަމަށް ފާހަގަކުރެއްވި އެވެ. އަދި އެ ޕްރޮގްރާމް މެދުވެރިކޮށް ހާސިލްވާ އެކި ހުނަރުތަކަކީ އެކުދިންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކަށް ވެސް މުހިއްމު ހުނަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ މިއަހަރުގެ ޕްރޮގްރާމް އިތުރަށް ޚާއްސަވީ އެޑިއުކޭޝަން މިނިސްޓަރާއި އެންވައިރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަވާ އޮފް ކޯޑް ފުރިހަމަ ކުރައްވާ އަދި އެކަމާ ގުޅިގެން ކޯޑިން ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އާންމު ކުރެއްވި މެސެޖްތަކުގެ ސަބަބުން ކަމަށެވެ.

"އަވަރ އޮފް ކޯޑް" އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންއަށް ތަޢާރަފުކޮށް ކޮމްޕިއުޓާ ސައިންސަށް ޝައުގުވެރިކަން އުފެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިއްބައިދޭ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުނެއެވެ. އެ އިވެންޓާ ގުޅިގެން މިނިސްޓަރު އައިޝަތު އަލީ ވަނީ ކޮމްޕިޔުޓާ ސައިންސްއަށް އަހައްމިއްޔަތުކަން ދިނުން އިތުރުކުރުމަށް ބާރު އެޅުމަށާއި 21 ވަނަ ގަރުނުގެ ހުނަރުތައް ދަރިވަރުންނަށް ލިއްބައިދިނުމަށްޓަކައި ސްކޫލްތަކުގެ ހުރިހާ ކީސްޓޭޖްތަކެއްގައި ކޯޑިން ހިމަނަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.