ރާއްޖޭގެ ޓޫރިޒަމް ޕީކް ސީޒަން ފެށި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއިއޭ)ގައި މިދިޔަ އޮކްޓޯބަރު މަހު ބޭނުންކުރަން ފެށި އާ ރަންވޭއާއެކު ފްލައިޓް މޫވުމަންޓްގެ އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަންނަ ދުވަސްވަރެވެ. އަދި މިދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރުކަމުން ގިނަ އަދަދެއްގެ ދިވެހިން ވެސް އެކި ތަންތަނަށް ދަތުރުކުރެ އެވެ. މިއާއެކު ރާއްޖޭގެ މައި އެއާޕޯޓު، ވީއައިއޭއަށް ވަނީ އިންތިހާއަށް ބާރުބޮޑުވެފަ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިމަހުގެ 22 ވަނަ ދުވަހު ވީއައިއޭގެ ރަންވޭ މޫވްމަންޓްގެ އައު ރެކޯޑެއް ގާއިމު ކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 228 ރަންވޭ މޫވްމަންޓް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. މީގެ ތެރޭގައި، 104 ބައިނަލްއަގުވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 104 ދަތުރުގެ އިތުރުން، 20 ޖެނެރަލް އޭވިއޭޝަން ހިމެނެ އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ޕީކް ސީޒަނަށް ވުމުން އެއާޕޯޓުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ކައުންޓަރުތައް ވެސް އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ޑިޕާޗާއަށް ހަތް ކައުންޓަރު އަދި އެރައިވަލްއަށް 11 ކައުންޓަރު އިތުރުކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލްގައި ޕާކުކޮށްފައިވާ ޕްރައިވެޓް ޖެޓްތަކެއް. އާ ރަންވޭ އާއެކު އާ ރެކޯޑެއް ވަނީ ހަދާފައި. ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން، އެއާޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމުގެ ގޮތުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން ވަނީ އެދިފަ އެވެ. އަދި ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ޗެކްއިންވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށް ވެސް އެމްއޭސީއެލްއިން އެދިފައިވެ އެވެ.