Advertisement

ކޮވިޑް-19ގެ ސަބަބުން ގްރައުންޑްކުރި އެތައް ހާސް ފްލައިޓަށް ދެންވާނީ ކިހިނެތް؟

FacebookTwitterWhatsAppTelegramViber

ކޮޅުކޮޅު މައްޗަށް ދުވާ ދަތުރުވެރިންގެ ސަބަބުން ހަލަބޮލިވެފައިވީ އެއާޕޯޓުތައް މިހާރު ވަނީ މުޅިން ހަމަހިމޭން ވެފަ އެވެ. ފުލުފުލުގައި ޖައްސާ އަދި ނައްޓާލާ މަތިންދާބޯޓުތަކުން ފުރިފައި އޮތް ރަންވޭތައް މިހާރު ފަޅުފިލުވާލަދެނީ ދޫނި ސޫފާސޫތްޕެވެ.

ދުނިޔެ މައްޗަށްނެގި ކޮވިޑް-19ގެ ބޯވިލާގަނޑުގައި ޖެހި ކޮމާޝަލް ޕެސެންޖާ ފްލައިޓްތައް މުޅިންހެން ހުއްޓިފައިވާ އިރު ދަތުރުކުރާނެ ތަނެއް ނެތިވެ އެތައްހާސް މަތިންދާބޯޓުތަކެއް ވަނީ ގްރައުންޑް ކޮށްފަ އެވެ.

މީގެ ސަބަބުން މި މަތިންދާބޯޓުތައް ބަލަހައްޓާ އިންޖިނިއަރުންގެ ޓީމުތަކުގެ މަސައްކަތްވަނީ ބޮޑުވެގެން ގޮސްފައެވެ. އެގޮތުން އެއާކްރާފްޓަށް އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލާ ފުރިހަމަ "ސިއްހަތެއް"ގައި އެބައޮތްތޯ ކަށަވަރުކުރަމުން ދާނެ އެވެ.

މަތިންދާބޯޓުތައް ގްރައުންޑް ކޮށްފައި ހުންނަ އިރު ވިސްނާލަންޖެހޭ ބައިވަރުކަންތައް ހުރެއެވެ. އެގޮތުން ޕާކްކުރާނީ ކޮންތާކުތޯ އާއި ދޫންޏާއި އެހެނިހެން ކުދި ސޫފިތަކުގެ ސަބަބުން ބޯޓު ރައްކާތެރިކުރާނެ ގޮތަކާއި ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓީމައި ވާނެ ގޮތަކާއި މެދު ވިސްނާލުން މުހިއްމެވެ.

ތިރީގައި މި ހިމަނާލަނީ ގްރައުންޑްކޮށްފައި ހުންނަ މަތިންދާބޯޓު ރައްކާތެރިކުރުމާއި ގުޅޭ ޝައުގުވެރިކުރުވަނިވި މައުލޫމާތުތަކެކެވެ.

މަތިންދާބޯޓު ޕާކް ކުރުމަކީ ޕަޒްލްއެއް ފުރިހަމަކުރުން ކަހަލަ ކަމެއް

މަތިންދާބޯޓު ހުންނަނީ ކޮންތާކުތޯ އަހައިފިނަމަ އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނާނީ އެއާޕޯޓެވެ. މިހާރު މިދިމާވެގެން އުޅޭ މައްސަލައަކީ އެއާޕޯޓުތަކުގައި މަތިންދާބޯޓު ބަހައްޓާ ޖާގައިގެ ދަތިތަކެވެ.

"އެއާޕޯޓުތައް ފަރުމާ ކުރެވިފައިވަނީ މަތިންދާބޯޓުތައް ސްޓޭޝަނަރީކޮށް ތިބުމުގެ ބަދަލުގައި އަބަދުވެސް ދަތުރުކޮށްކޮށް ތިބޭނެފަދަ ގޮތަކަށް،" އޭވިއޭޝަން ދާއިރާގެ މާހިރެއް ކަމަށްވާ ސިމިން ގައި ވިދާޅުވި އެވެ.

މިސާލަކަށް ކުއަލަ ލަމްޕޫރުގެ ބައިނަލްއަގްވާމީ އެއާޕޯޓު 2 ގައި މެލޭޝިއާގެ އެންމެ ބޮޑު ފްލީޓް ކަމަށްވާ އެއާ އޭޝިއާގެ ހުރިހާ މަތިންދާބޯޓުތަކެއް ޕާކްކޮށްފައި ބަހައްޓާނެ ޖާގައެއް ނުހުންނާނެ އެވެ. އެއާއޭޝިއާގެ އެއާކްރާފްޓް މެއިންޓަނެންސް އިންޖިނިއާ ޝެންގް ލިން ވިދާޅުވިގޮތުގައި ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ބޯޓުތައް ކާގޯ ޓާމިނަލުގައި ޕާކްކުރަން ޖެހިފައިވާ ކަމަށެވެ. އަދި ބައެއް ބޯޓުތައް ޓެކްސީ ވޭ(ރަންވޭ އާއި ޓާމިނަލް ގުޅުވައިދޭ މަގު)ގައިވެސް ޕާކްކޮށްފައި ހުރި އިރު ބާކީ ހުރި މަތިންދާބޯޓުތައް ވަނީ އެހެން އެއާޕޯޓުތަކަށް ފޮނުވާފަ އެވެ.

ޕާކްކުރާނެ ޖާގައެއް ހޯދުމުގެ އިތުރަށް ބޯޓުތައް ޕާކްކޮށްފައި ބަހައްޓާނެ ގޮތެއް ހޯދުމަކީވެސް މުހިއްމު ކަމެކެވެ. އަދި ޓެކްސީ ވޭސްގައި ޕާކްކުރާ އިރު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. ސަބަބަކީ އެތަނުގައި ކަނޑައެޅިގެން ބޯޓު ބާއްވާނެ ވަކިތަނެއް ކަނޑައެޅިފައިނުވާތީ އެވެ.

މީގެ އިތުރުން ދެ ބޯޓު ދެމެދުފައި މަދުވެގެން 25 މީޓަރުގެ ދުރުމިނެއް ހުންނަން ޖެހެ އެވެ. ސަބަބަކީ އިންޖީން ސްޓާޓް ކޮށްލާ ވަގުތު ޖެހިގެން އޮންނަ ބޯޓަށް އެގްޒޯސްޓް އަދި ހިރަފުސް ބުރައިގެންދާނެތީ އެވެ.

ފްލައިޓް ޕާކްކުރަން އެންމެ ރަނގަޅީ ހަނަފަސް ސަހަރާގައި

ޖައްވުގައިހުންނަ ދުންފިނީގެ ސަބަބުން ގްރައުންޑްކޮށްފައި ހުންނަ މަތިންދާބޯޓުތަކަށް ގެއްލުންވާނެ އެވެ. އެގޮތުން ޖެޓް ފިއުލްއަކީ މޮއިސްޗާ އެބްޒޯބް ކުރާ އެއްޗަކަށްވީ ހިނދު އޭގެ ސަބަބުން ފިއުލް ޓޭންކް ތެރޭގައި ފެންހެދުމަށް މަގުފަހިވެ އެވެ.

މަތިންދާބޯޓު ރައްކާ ކުރަން ހަނަފަސް ސަހަރާ ރަނގަޅީ މި ސަބަބަށްޓަކާ އެވެ. އެރިޒޯނާގައި ހުންނަ މަތިންދާބޯޓު ރައްކާކުރާ ފެސިލިޓީއެއް ކަމަށްވާ އެސެންޓް އޭވިއޭޝަން ސާވިސަސް އިން ބުނި ގޮތުގައި ކޮވިޑް-19 ޕެންޑެމިކްއައި ފަހުން އެ މީހުންގެ ޖާގައިގެ 600 އިންސައްތަ ފުރިފައިވާ ކަމަށެވެ. އަދި މިހާރުވެސް ދުނިޔޭގެ 6 ބައްރަކުން 400 އަށްވުރެ ގިނަ މަތިންދާބޯޓު ރައްކާކޮށްފައި އެބައޮތްކަމަށް އެ ކުންފުނީގެ ރައީސް ޑޭވް ކުއެރިއޯ ވިދާޅުވި އެވެ.

ކިތަންމެ ކުޑަ ސޫތްޕަކުންވެސް ބޮޑެތި ގެއްލުންތަކެއް ވެދާނެ

މަތިންދާބޯޓުތައް ބޭނުންނުކޮށް ގްރައުންޑްކޮށްފައި ހުއްޓަސް އެ ބެލެހެއްޓުމަށް ކކުރަންޖެހޭ މަސައްކަތްތައް ބައިވަރެވެ. އޭގެ ތެރެއިންވެސް އެންމެ މުހިއްމު އެއްކަމަކީ ބޯޓުތެރެއަށް ދިރޭތަކެތި ވަނަނުދިނުމެވެ. އެއާޕޯޓުތައް ހަމަހިމޭނެ ވެފައިވާ މި ދަނޑިވަޅުގައި މަތިންދާބޯޓުތައް ވެގެންދާނީ ދިރޭތަކެތި ހާލި ހަދާ އާލާވާނެ ރަނގަޅު މާހައުލަކަށެވެ.

އެހެން ވެއްޖެ ނަމަ އޭގެ ސަބަބުން ބޯޓުގެ އިލެކްޓްރޯނިކް ވަސީލަތްތަކާއި ހައިޑްރޯލިކް ލައިންސްއަށް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ. ދާދިފަހުން އެއާއޭޝިއާ ބޯޓެއްގެ ފިޔައިގެ ދަށުން ދޫނި ހާއްޔެއް ފެނިފައިވެ އެވެ. އެހެން ނަމަވެސް އެ ދޫނި ހާލި މިހާރުވަނީ އެއްވެސް ދޫންޏަކަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމާއި އެކީ ނައްތާލާފަ އެވެ.

ކުޑަ ކުޑަ ސޫފީގެ ސަބަބުންވެސް ބޮޑެތި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން 1996 ވަނަ އަހަރު މަތިންދާބޯޓެއް ވެއްޓުނު ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ، އެއާސްޕީޑް ބަލާ ބޯޓުގެ ޓިއުބަކުން ޕައިލެޓަށް ލިބުނު ނުރަނގަޅު މައުލޫމާތެއްގެ ސަބަބުންނެވެ. ފަހުން އެނގުނުގޮތުގައި ނުރަނަގޅު މައުލޫމާތު ދެވުމަށް މެދުވެރިވީ، އެ ޓިއުބްގެ ތެރޭގައި ދިރޭއެއްޗެއްގެ ހާލީގެ ބައިތަކެއް ތާށިވެފައި ހުރުމުންނެވެ.

-ޗެނަލް ނިއުސް އޭޝިއާ

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top