ސަރުކާރުން ނަގާ ލޯންތަކަށް ފައިސާ ދެއްކުމަށް އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި (އެސްޑީއެފް)އަށް 807 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް 807.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

އެ އަދަދާއެކު މި އަހަރު ފަންޑަށް ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ އިތުރަށް، 38.4 މިލިއަން ރުފިޔާ ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި މިއަހަރު ނިމޭއިރު އެސްޑީއެފްގައި 769.2 މިލިއަން ރުފިޔާ ހުންނާނެ އެވެ.

މިހާރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑްގެ ސައިޒަކީ 5.7 ބިލިއަން ރުފިޔާކަމަށް ވާއިރު ފަންޑްގެ ބޭންކް ބެލެންސަކީ 764 މިލިއަން ރުފިޔާ އެވެ.

ބޭރުގެ ދަރަނި މެނޭޖްކުރަން ކުރީގެ ސަރުކާރުން ފަންޑެއް ހެދީ 2017 ގަ އެވެ.

ދައުލަތުގެ ރިޒާވް ފަންޑެއްގެ ގޮތުގައި އުފެއްދި މި ފަންޑަށް އެމްއެމްއޭގެ އެހީއާ އެކު ރާއްޖެ އާއި ބައިނަލްއަގްވާމީ މާކެޓުގެ ފައިނޭންޝަލް އިންސްޓްރޫމެންޓްތަކަށް އިންވެސްޓްކޮށް ފަންޑަށް ފައިސާ އިތުރު ކުރުމަކީ ވެސް އޭރުގެ ސަރުކާރުގެ ވިސްނުމެކެވެ.