ރާއްޖޭގެ އުފެއްދުންތައް ރާއްޖޭން ބޭރުގެ ބާޒާރަށް އެކްސްޕޯޓްކުރާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ކުރުމަށް ނަގާ އަގުތަކަށް ބަދަލުގެނައުމަށް އެމްޕީއެލްއިން ނިންމައިފި އެވެ.

މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެމްޕީއެލްއިން ބުނީ މިބަދަލަކީ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގު ފަހިކޮށްދިނުމާއި ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ކުރިއަރުވައި އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ.

މިބަދަލާއެކު އެމްޕީއެލްއިން މިހާރު ނަގަމުން އަންނަ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާގެ އަގު އަންނަމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގާތްގަޑަކަށް 75 ޕަސެންޓަށް ކުޑަވާނެއެވެ. އެގޮތުން މިހާރު 20 ފޫޓް ކޮންޓެއިނަރއަކަށް ޖީއެސްޓީ ނުލައި 4419.03 ރުފިޔާ ނެގިނަމަވެސް މިބަދަލާއެކު އެވަރުގެ ކޮންޓެއިނަރއަކަށް ނަގާނީ 1132.08 ރުފިޔާ އެވެ. އަދި މިހާރު 40 ފޫޓްގެ ކޮންޓެއިނަރ އަކަށް 8767.51 ރުފިޔާނެގި ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ނަގާނީ 2264.15ރުފިޔާ އެވެ.

އެކްސްޕޯޓް ކޮންޓެއިނާ ޓެރިފަށް ގެނައި ބަދަލާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޕީއެލްއިން ވަނީ ރާއްޖެއިން ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. މިބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެކްސްޕޯޓް ކޮންޓެއިނަރ ޓްރާންސްފާ ކުރުމަށް ނަގާ އަގުތަކަށް އެކުންފުނިން ބަދަލު ގެނައީ މިހާރު ނަގަމުންދާ އަގުތަކާމެދު އެކްސްޕޯޓަރުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެމީހުންނަށް ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ.

"މިކުންފުނީގެ އަމާޒަކީ އެކްސްޕޯޓަރުންނަށްވެސް ވިޔަފާރި ހިންގުމަށް ފަސޭހަގޮތްތަކެއް ހޯދައިދިނުން. މާލޭ ކޮމާޝަލް ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިތަކާ ގުޅިގެން އެކްސްޕޯޓަރުންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ،" ޝާހިދު ވިދާޅުވި އެވެ.