ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ އާ ހަވާލުކޮށްގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ "ކޯލިވިން ހައުސިން" ޕްރޮޖެކްޓް ބިންގާ މިއަދު އަޅައިފި އެވެ.

އެޗްޑީސީން ބުނިގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއާ" ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކުންފުނިން ބުނީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ޑިޒައިންކޮށްފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށެވެ.

"ކޯ ލިވިން" ކޮންސެޕްޓަށް އެޗްޑީސީ އިން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާއެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި ބިލްޑިންއިން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީ އިން ބުނިގޮތުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5،000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކަ އެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން 56 ޕަސެންޓަށް ވުރެ ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ މިފަދަ ކޮންސެޕްޓަކަށް ޑިޒައިންކޮށްފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެ ގިނަ އަހަރު ދިރިއުޅޭނެ ކަމަށް ލަފާކުރެވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ދެ ވަނަ ފަންގިފިލައިން ފެށިގެން ނުވަ ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިން އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ހުޅުމާލޭގައި މިހާރު ވެސް އާބާދުވެ ތަރައްގީވަމުން އަންނަ ސަރަޙައްދެއްގައި ހުންނަ ލޮޓް N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި 14 ބުރި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.