ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ޖަޕާނުގެ ކްރޫޒް ލައިނާއެއް މާލެ އަތުވެއްޖެ އެވެ.

ބޮޑުބެރުގެ ހަރަކާތްތަކާއެކު އެ ފަތުރުވެރިންނަށް ވަނީ މިއަދު މެންދުރުފަހު 2:00 ހާއިރު މަރުހަބާ ކިޔައިފަ އެވެ. އެ ފަތުރުވެރިންނަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ކްރޫޒް ލައިނާއިން 200 އަށް ވުރެ ގިނަ ފަތުރުވެރިން އައި ކަމަށެވެ. އަދި އޭގެތެރެއިން ބައެއް ފަތުރުވެރިން މާލެ އާއި މާލެ ކައިރީ ރަށްތަކަށް ވެސް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި މީގެކުރިން ތިން ޕަސެންޓް ހިއްސާކުރި ޖަޕާނުގެ މާކެޓް ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ގައުމުން އަހަރަކު 40،000 ފަތުރުވެރިން ރާއްޖެ އަންނަމުން ދިޔަ އެވެ.

ޖަޕާނުގެ ކްރޫޒް ލައިނާއިން އައި ފަތުރުވެރިން

"ޖަޕާނުގެ ސީނިއާ މާކެޓަކީ ވަރަށް ބޮޑު މާކެޓެއް. އަދި އެ މީހުންގެ އަތުގައި އާމްދަނީ ވެސް ރަނގަޅު، ސޭވިންއެއް ވެސް ގެންގުޅޭނެ. ދަތުރު ފަތުރުކުރުމަށް ލޯބިކުރާ ބައެއް، އަދި ފޮޓޯ ނެގުމަށް ފަހު ތަންތަނާ ހިއްސާ ކުރާ ބައެއް. އަަދި އަހުލާގު ރަނގަޅު ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިންފްރާސްޓްރަކްޗާތައް ތަަރައްގީ ވުމުން ކްރޫޒް ޓޫރިޒަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ޓޫރިޒަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.