މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތުގައި ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރިއަށްގެންދާ އަޖުމަ ބެލުމުގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީއިން ބުނީ އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބާއްވާ ޓެސްޓް ދަތުރުތައް އޮންނާނީ ޖެނުއަރީ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހުކަމަށެވެ.

މި ޓެސްޓު ބުރުތަކުގައި މާލެ ތެރޭގައި ދުއްވާ ބަސްތަކުގައި ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ކާޑުގެ ބޭނުންކޮށްގެން ފައިސާ ދެއްކޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ދެމުންދާ ބަހުގެ ހިދުމަތަށް މިހާރު ފައިސާ ދެއްކެނީ އާރުޓީއެލް އެޕްލިކޭޝަން އަދި ބަސް ކާޑު މެދުވެރިކޮށް އެކަންނެވެ.

މާލޭގެ ތޮއްޖެހުން ކުޑަކޮށް، އާއްމުންނަށް ބަރޯސާ ވެވޭ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްގެ ގާއިމް ކުރުމަށް އެމްޓީސީސީން މާލޭގައި މިނިީ ބަހުގެ ހިދުމަތް ދޭން ފެނީ މި އަހަރުގެ ސެމްޓެމްބަރު މަހު އެވެ.

މި އިތުރުން އެމްޓިސީސީގެ ބަހުގެ ޓިކެޓްތަކުގެ އަގުތަކަށް ބަލާއިރު މާލޭގެ އެތެރެގެ ބަސްތަކަށް ޓިކެޓަކަށް ނަގަމުންދަނީ 7 ރުފިޔާއެވެ. މާލެއިން ހުޅުމާލެ ފޭސް 1 އަކަށް ނަގަމުން ދަނީ 10 ރުފިޔާ އެވެ. މާލެއިން ހުޅުމާލެ ފޭސް 2 އަކަށް ނަގަމުން ދަނީ 15 ރުފިޔާއެވެ. ހުޅުމާލެ ފޭސް 1 އަކުން ހުޅުމާލެ 2 އަކަށް ޓިކެޓަށް ނަގާނީ 5 ރުފިޔާ އެވެ. މާލެ ސަރަހައްދުގެ އިތުރުން އެމްޓީސީސީން އަންނަނީ މާލެ އާއި ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދެމުންނެވެ.