މިދިޔަ 2022 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޖުމްލަ 1.67 މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން ދިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި ޓޫރިޒަމް ޓާގެޓަށް ވުރެ 75،662 މީހުން އިތުރު އަދަދެކެވެ. ސަރުކާރުން މިއަހަރަށް ކަނޑައެޅި ޓޫރިޒަމް ޓާގެޓަކީ 1.6 މިލިއަން ޓޫރިސްޓުންނެވެ.

މީގެ އިތުރަށް މިދިޔަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންނަކީ 2021 ވަނަ އަހަރާ އަޅާބަލާއިރު 368،159 ޓޫރިސްޓުން އިތުރު އަދަދެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 1.1 މިލިއަން ޓޫރިސްޓުން އިތުރު އަދަދެކެވެ. މީގެ އިތުރުން ކޮވިޑްގެ ކުރި، 2019 ވަނަ އަހަރާ އަޅާބަލާއިރު 9،347 ޓޫރިސްޓުން މަދު އަދަދެކެވެ.

މިދިޔަ އަހަރުގެ 12 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެގޮތުން ޑިސެމްބަރު މަހު ވަނީ، 184،044 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 5،900 އެއްހާ ޓޫރިސްޓުންނެވެ.

ވަކިވަކި މަސްމަހު ޓޫރިސްޓުން އައިސްފައިވާ ގޮތްތަކަކީ

  1. ޖެނުއަރީ - 131،7522
  2. ފެބުރުއަރީ - 149،012
  3. މާޗް - 150،739
  4. އެޕްރީލް - 145،278
  5. މޭ - 125،517
  6. ޖޫން - 111،303
  7. ޖުލައި - 133،561
  8. އޮގަސްޓް - 131،863
  9. ސެޕްޓެމްބަރު - 111،979
  10. އޮކްޓޯބަރު - 153،727
  11. ނޮވެމްބަރު - 146،887
  12. ޑިސެމްބަރު - 184،044

މިދިޔަ އަހަރު މުޅި ޖުމްލަ ރާއްޖެ އަައީ 1،675،662 ޓޫރިސްޓުންނެވެ.

އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިން

މިދިޔަ އަހަރު އެންމެ ގިނައިން އެއް ގައުމަކުން ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާއިން އެކަނި ވަނީ ރާއްޖެއަށް 239،416 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ %14އަށް ވުރެ ބޮޑު އަދަދެކެވެ.

ދެވަނަ އަށް ރާއްޖެއަށް ޓޫރިސްޓުން އައި ގައުމަކީ ރަޝިޔާ އެވެ. އެ ގައުމުން 198،670 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 177،843 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރަށް ކަނޑައަޅާފައިވާ ޓޫރިޒަމް ޓާގެޓަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށް ޗައިނާ މާކެޓް ހުޅުވުން ވަރަށް މުހިންމު ކަމަށް ސަރުކާރުން ދެކެ އެވެ.

ޗައިނާ އިން ބުނެފައި ވަނީ މިއަހަރުގެ ކުރީކޮޅު ރާއްޖެއަށް އަލުން ޓޫރިސްޓުން އަންނަން ފަށާނެ ކަމަށެވެ.