މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދޭ ސެލްފް ސަރވިސް "ޕިކް ޕޯސްޓް" ގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން، ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވައިފި އެވެ.

އަލަށް ހެދި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއެވެ.

އެތަން ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު މަލީހު ވަނީ ޕޯސްޓްގެ ހިދުމަތް ފުޅާކުރުމަށް ގިނަ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، ބިލްޑިންތައް ފަރުމާކުރުމުގައި ވެސް ޕޯސްޓް ޑެލިވާ ކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގްރޭޓާ މާލޭ ބަސް ސްޓޭޝަންގައި ހުޅުވި ޕިކްޕޯސްޓްއާއެކު މިހާރު ޖުމްލަ ހަތަރު ޕިކްޕޯސްޓް މާލޭ ސަރަހައްދުގައި ހުރެ އެވެ. އެއީ ވެލާނާގޭގައި، ޕޯސްޓް އޮފީހުގައި އަދި ހުޅުމާލޭގަ އެވެ.

އާ ޕިކް ޕޯސްޓް ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގު ވިދާޅުވީ، މިއީ ސަރުކާރުގެ އާންމު ހިދުމަތްތައް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތް ކަމަށެވެ. މިހާރު ވެސް އިތުރު ދެ ޕިކްޕޯސްޓް ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

މާލޭގައި އަލަށް ހުޅުވިގެންދިޔަ ޕިކްޕޯސްޓްއާއެކު މި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.