ކޮވިޑާ ހެދި ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި މަހުގެ 18 ވަނަ ދުވަހު ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު، އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފަށަނީ މި މަހުގެ 18 ވަނަ ދުވަހު ބެއިޖިން ކެޕިޓަލް އެއާލައިނުންނެވެ. އެ އެއާލައިނުން ބާއްވަނީ ޗާޓާ ދަތުރުތަކެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަހުގެ ތެރޭ އެ އެއާލައިނުން ހަތަރު ދަތުރު ރާއްޖެއަށް ކުރަން އެދިފައިވާ ކަމަށާއި އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަނީ 306 މީހުންގެ ބޯޓެއް ކަމަށް ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ބެއިޖިން ކެޕިޓަލްގެ އިތުރުން މި މަހުގެ 28 ވަނަ ދުވަހު ޗައިނާ އީސްޓާންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތުން އެއާލައިނުން ނިންމާފައި ވަނީ ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ދަތުރުތައް ބާއްވާނެ ޗައިނާ އީސްޓާންއިން ރާއްޖެއަށް ދަތުރުތައް ކުރަނީ ޝަންހާއީގެ ޕްޑޮން އިންޓަނޭޝަން އެއާޕޯޓުން ކަމަށެވެ. އަދި އެ ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ 232 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ޗައިނާގެ އިތުރުން ހޮންކޮންގް އެއާލައިންގެ ދަތުރުތައް ވެސް ރާއްޖެއަށް ފަށަން އެދިފައިވާ ކަމަށެވެ. ނަމަވެސް އެ އެއާލައިންގެ ދަތުރުތައް ފަށާނެ ދުވަހެއް އަދި ނާންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ޗައިނާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދޭން ފަށައިފަ އެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު އަންނަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވައިލަން އެ ގައުމުން މިހާރު ވަނީ ނިންމާފަ އެވެ.

ޗައިނާގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ގައުމުން ދަތުރުކުރާ މީހުންގެ ޕީސީއާރު ނެގެޓިވް ޓެސްޓް ހުށަހަޅަން ބައެއް ގައުމުތަކުން ނިންމާފައިވެ އެވެ. ނަމަވެސް ރާއްޖެއިން އެފަދަ ފިޔަވަޅެއް އަޅަން ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ.

ޗައިނާގެ ރައްޔިތުންނަށް ދަތުރުކުރުމަށް ލުއިދޭން ނިންމާފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވިދާޅުވީ އެ ގައުމުގެ ރައްޔިތުންނަށް ވަކި ހަމަތަކެއްގެ މަތިން ދަތުރުކުރުމުގެ ލުއިތައް ވަރަށް އަވަހަށް ދޭނެ ކަމަށެވެ. އަދި ގަބޫލުކުރާ ގޮތުގައި ކުރިއެކޭ ވެސް އެއްގޮތަށް ޗައިނާގެ ޓޫރިސްޓުން އެންމެ އަންނަން ބޭނުންވާ މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިގެންދާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ޓޫރިސްޓުން އައިސް އެ ގައުމު ހިމެނެނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ ގޮތުގަ އެވެ. ނަމަވެސް ކޮވިޑާއެކު އެ ގައުމުގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން މިވީ ތިން އަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައެއް ނުވެ އެވެ.

ޗައިނާ ހުޅުވާލުމާއެކު އެ ގައުމުން ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. ޗައިނާގެ ޓޫރިސްޓުންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.