ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ރަންވޭ އިންތިހާއަށް ބިޒީވެ، ބައެއް އެއާލައިންތަކުގެ ބޯޓުތައް ނުޖެއްސި ދެގަޑިއިރު މަތީގައި ހޮލްޑްކުރަން ޖެހިއްޖެ އެވެ.

މަތިންދާބޯޓުގެ ހަރަކާތްތައް ވަގުތުން ފެންނަ ފްލައިޓް ރޭޑާއިން ދައްކާ ގޮތުން އިނގިރޭސިވިލާތުގެ ލަންޑަނުން އައި ބްރިޓިޝް އެއާވޭސްގެ މަތިންދާބޯޓު ނުޖެއްސި ދެ ގަޑިއެއްހާއިރު މަތީގައި ހޮލްޑްކުރި އެވެ. އަދި ސުވިޒަލެންޑްގެ އިޑެލްވެއިސް، އެއާ ފްރާންސް، ކޮންޑޯ، އަދި ރަޝިއާގެ އެއިރޯ ފްލޯޓް ފަދަ ބައެއް ބޯޓުތައް ނުޖެއްސި މަތީގައި ގަޑިއަކަށް ވުރެ ގިނައިރު މަތީގައި ހޭދަކުރި އެވެ.

ވީއައިއޭގައި މަސައްކަތްކުރާ އެއާޕޯޓު ރެޕަކު ބުނީ މިދުވަސްވަރު އަންނަ ގިނަ ފްލައިޓްތަކަށް ޖެއްސެނީ ޝެޑިއުލަށްވުރެ ގަޑިއެއްގެ އިރަށްވުރެ ލަހުން ކަމަށެވެ.

"މިދިޔަ އަހަރުގެ މިދުވަސްވަރެކޭ މިއަދެކޭ އެއްވެސް ތަފާތެއް. ގެސްޓުން ނުކުމެއް ވަރަށް ޝަކުވާކުރޭ ބޯޓު ޖެއްސުނުލެއް ލަސްވެގެން،" އޭނާ ބުންޏެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިދުވަސްވަރު ރާއްޖެއަށް އަންނަ އެއާލައިންތައް އިތުރުވެ، ރަންވޭ ބިޒީވުމުން ނުޖެއްސި ބައެއް ބޯޓުތައް މަތީގައި މަޑުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ އެއާލައިންތަކުން އެދޭ ގޮތަށް ބޯޓު ޖައްސަން ބޭނުންވާ ގަޑި ދެމުން. އެއްފަހަރާ ގިނަ ބޯޓުތައް ޖައްސަން އަންނައިރު ލަސްވުމުގެ މައްސަލަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އާއްމުކޮށް ލަސްވުމުގެ މައްސަލަ ދިމާވަނީ މެންދުރުގެ ފަހުން ޖައްސަން އަންނަ ފްލައިޓްތަކަށް ކަމަށެވެ. ނަމަވެސް ހެނދުނު އަންނަ ގިނަ އެއާލައިންތަކުން ޝެޑިއުލާއެއް ގޮތަށް ޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15ގައި އަލުން ހުޅުވާލުމުން ރާއްޖެއަށް މިހާރު 20 އިންޓަނޭޝަނަލް އެއާލައިން ދަތުރުކުރެ އެވެ.

ފްލައިޓްތައް ނުޖެއްސި މަތީގައި އެތައް ގަޑިއިރެއް ހޭދަކުރާއިރު، އެ އެއާޕޯޓުގައި ކުރީގެ ސަރުކާރުން ހެދި ރަންވޭ އަދިވެސް ބޭނުންކުރަން ނުފަށަ އެވެ. އެ ރަންވޭ ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއް ރަންވޭ އޮތުމުން ބޯޓު ނުޖެއްސި ގިނައިރު މަތީގައި ހޭދަކުރަން ޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށެވެ.