މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ މިންވަރު މަދުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ނިންމީ އެމްއެމްއޭއިން ޑޮލަރު ހުސްވުމުގެ ބިރު އޮތުމުންނެވެ.

މިގޮތަށް ނިންމުމާއެކު ޜާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އޭލެވެލްއިން ދަށަށް ކިޔަވާ ކުދިންނަށް ކުރިން ބޭންކް އޮފް މޯލްޑިވްސް ދޫކުރަމުންއައި ޑޮލަރު ދެން ދުލެއް ނުކުރާނެ އެވެ.

ވިޔަފާރިވެރިންނަށް ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން ވަކި މިންވަރަކަށް ޑޮލަރު ވިއްކި ނަމަވެސް، ބޭރުގައި އުޅޭ ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. އެގޮތުން ކޮންމެ ކުއްޖަކަށް މަހަކު 1،000 ޑޮލަރު ވިއްކަ އެވެ.

އޭލެވެލް އިން ދަށަށް ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރުން ހުއްޓާލުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މިހާރު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައެއް ބެލެނިވެރިން ބުނީ މިފަދަ ބަދަލެއް މި ގެނައީ ކުރިން އެންގުމެއް ވެސް ނެތި ކަމަށާއި މިއީ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. އަދި ޑޮލަރު ދޫނުކުރާނެކަން އެނގުނީ ސްކޫލްތަކަށް ފީ ނުދެކިގެން ވެގެން އުޅޭގޮތެއް ސާފުކުރުމުން ކަމަށެވެ.

ކޯވިޑްގެ ހާލަތުގައި ކާޑުން ޑޮލަރުގެ މުއާމަލާތު ކުރެވޭ މިންވަރު ދަށްކުރުމުން ވެސް ގިނަ ބެލެނިވެރިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ. އަދި ކާޑު ބޭނުންކުރެވޭ މިންވަރު ލިމިޓް ކުރި ނަމަވެސް ރާއްޖެއިން ބޭރުގައި އުޅޭ ކިޔަވާ ކުދިންނަށް ވަކި ވަަރަކަށް ޑޮލަރު މިހާތަނަށް އައީ ދޫކުރަމުންނެވެ. އޭގެ އިތުރުން ކޮލެޖާއި ސްކޫލް ފީ އަށް ވާ އަދަދު އެއްކޮށް ޑޮލަރުން ދެއްކެ އެވެ.

މިބަދަލު ގެނައިކަން އެމްއެމްއޭއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މި ބަދަލު ގެނައިކަން ކަށަވަރު ކޮށްދީފަ އެވެ.