މިފްކޯ ކޫއްޑޫ އަދި ސ. ހުޅުމީދޫގެ ފިއުލް ޓާމިނަލް ހިންގުން އެފްއެސްއެމްގެ ދަށަށް ބަދަލުކޮށްފި އެވެ.

މިފްކޯގެ މައި ހިއްސާދާރު އެސްޓީއޯއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިފްކޯ އާއި އެފްއެސްއެމް މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ގެނައި މި ބަދަލަކީ މިފްކޯގެ ސައިޓްތައް މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ގެނެވުނު ސްޓްރެޓެޖިކް ބަދަލެކެވެ. އަދި މި ބަދަލުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ބޭނުންވާވަރަށް، މިފްކޯގެ ސައިޓުތަކުން ތެޔޮ ގަންނަން ލިބޭނޭ ގޮތް ހަމަޖައްސައިދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން، އެފްއެސްއެމްއިން، މިފްކޯގެ ޓާމިނަލްތަކުގައި މަދުނުވާ ވަރަށް އަބަދުވެސް ތެޔޮ ލިބެން ހުންނާނެކަމުގެ ޔަގީންކަން ދީފައި އެސްޓީއޯއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި އެމްއޯޔޫގެ ދަށުން މިފްކޯއިން ފިއުލް އޮޕަރޭޝަންތައް އެފްއެސްއެމްއަށް ހަވާލުކުރުމަށް އެހީތެރިވެދޭނެ ބަދަލެއް ކަމަށެވެ. އަދި މި ބަދަލާއެކު މިފްކޯގެ މައިގަނޑު ވިޔަފާރި ކަމުގައިވާ، މަސް ޕްރޮސެސްކުރުން، ކުރިއެރުވުމަށް ހާއްސާ ސަމާލުކަމެއް ދެވިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

"މިވަގުތު މިފްކޯއިން މަސްވެރިންނަށް ފައިސާ ދައްކަނީ ފިއުލް ބިލް އުނިކުރުމަށްފަހު. ނަމަވެސް ކުރިއަށް އޮތްތަނުގައި ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވުމުން، މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައިވާނީ ސީދާ އެފްއެސްއެމްއަށް. މިއާއެކު މިފްކޯއިން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މާހުގެ ޖުމްލަ ފައިސާ، ފިއުލްއަށް ނުކަނޑާ، ލިބިގެންދާނެ،" އެސްޓީއޯއިން ބުންޏެވެ.

މިފްކޯ ކޫއްޑޫ އަދި ހުޅުހުމީދޫގެ ފިއުލް ޓާމިނަލް ހިންގުން އެފްއެސްއެމްގެ ދަށަށް ބަދަލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

އެ ކުންފުނިން ބުނީ އޮޕަރޭޝަންތަކަށް ބަދަލު ގެނައުމުގެ އިތުރުން މަސްވެރިކަންކުރާ އުޅަނދުތަކަށް ކްރެޑިޓް ސްކީމެއް ހުޅުވާފައިވާނެ ކަމަށް އެފްއެސްއެމްއިން އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި އެ ސްކީމްގެ ދަށުން މަސްބަނާ އުޅަނދުތަކަށް ކްރެޑިޓް އުސޫލުން، ތެޔޮ ގަނެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

"މި ކްރެޑިޓް ފެސިލިޓީ ބިނާވެގެންދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށް. އެފްއެސްއެމް އިން ކްރެޑިޓް ސްކީމަށް އެޕްލިކޭޝަން ހުޅުވާފައިވަނީ އެ ކުންފުނީގެ ވެބްސައިޓުން ލިބޭ ފޯމެއް މެދުވެރިކޮށް ކަމަށާއި އެ ފޯމު މިފްކޯ ކޫއްޑޫ އަދި ހުޅުމީދޫ ސައިޓުން ވެސް ލިބެން ހުންނާނެ. އަދި މީގެ އިތުރުން މަސްވެރިން ހަރަކާތްތެރިވާ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މި ފޯމު ވަނީ އާންމުކުރެވިފައި،" އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ވަނީ ފަސޭހަކަމާއެކު ބަދަލުތައް ގެނައުމަށް ހުރިހާ މަސްވެރިން ވެސް ކްރެޑިޓް ފެސިލިޓީ އަށް މަހެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކުރިއަށް އޮތްތާނގައި، މަސް ބިލުން ތެލަށް ދައްކަންޖެހޭ ފައިސާ ނުކެންޑޭނެތީ ކްރެޑިޓް ފެސިލިޓީ ހަމަޖެހިފައި ނުވާނަމަ، ތެޔޮ ގަތުމުގައި މަސްވެރިންނަށް އުނދަގޫތަކެއް ކުރިމަތިވެގެން ގޮސްދާނެތީ މި މުއްދަތު ތެރޭގައި ހުރިހާ ރަސްމީ ކަންތައްތައް ފުރިހަމަ ކުރުމަށް އެފްއެސްއެމްއިން ވަރަށް ބޮޑަށް ލަފާދެ އެވެ. އަދި ޑީސަލްގެ އަގުތައް "ފަހި ހަކަތަ" އެޕްލިކޭޝަންގައި ޝާއިއުކޮށްފައިވާ ގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އޭގެ އިތުރުން "ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިނުވާ މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަންދުތަކަށް މަސްވެރިންނަށް ހާއްސަކުރެވިފައިވާ ސްޓޭންޑާޑް ރޭޓެއްގައި ޑީސަލް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.