ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް" އާބަން އައިލްގައި 15 ގެސްޓް ހައުސް ތަރައްގީކުރުމަށް އެޗްޑީސީން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ މި ތަނުގައި ގެސްޓްހައުސް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އާބަން އައިލްއަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެކަމަށް އެޗްޑީސީން ބުނެ އެވެ.

އާބަން އައިލް ޕްރޮޖެކްޓް ތައާރަފްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ޓޫރިސްޓުންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެ އެވެ.

މި ކޮމްޕޯނަންޓްތަކުގެ ތެރެއިން ތަރައްގީކުރާ 15 ގެސްޓްހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ.

"އާބަން އައިލް" މަޝްރޫއުގައި ހިމެނެނީ:

  • މެދު ފަންތީގެ 10 ބުރީގެ 3 ހޮޓާ - 19103 އަކަމީޓަރުގެ ސަރަހައްދެއް
  • މަތީ ފަންތީގެ 10 ބުރީގެ 3 ހޮޓާ - 50681 އަކަމީޓަރުގެ ސަރަހައްދެއް
  • 8-10 ބުރީގެ 4 ސިޓީ ހޮޓާ - 2850 އަކަމީޓަރުގެ ސަރަހައްދެއް
  • 6 ބުރީގެ 21 ގެސްޓްހައުސް - 9224 އަކަމީޓަރުގެ ސަރަހައްދެއް
  • 3 ބުރީގެ 11 ލަގްޒަރީ ވިލާ - 5083 އަކަމީޓަރުގެ ސަރަހައްދެއް
  • 8-12 ބުރިއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 7006 އަކަމީޓަރުގެ 10 ބިން
  • ވިޔަފާރިތައް ތަރައްގީކުރަން 9 ބިން - 9474 އަކަމީޓަރުގެ ސަރަހައްދެއް

އާބަން އައިލް އަކީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ. ޓޫރިޒަމް ސިނާއަތާއި ރިއަލް އެސްޓޭޓް ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މީގެ ސަބަބުން މިސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.