ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައި ޑުބާއީ އެއާލައިނުން ފެށުމަށް ނިންމާފައިވާ ދަތުރުތައް ފަސްކޮށްފި އެވެ.

ފްލައި ޑުބާއީގެ ރާއްޖޭގެ އޭޖެންޓް އިނަ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމާފައިވާ ދަތުރުތައް ފަސްކޮށްފައިވާ ކަމަށެވެ. އަދި މި ދަތުރުދައް ދެން ފަށާނީ އަންނަ ޖޫން މަހުގައި ކަމަށް އިނަ މޯލްޑިވްސްއިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އައްޑޫއަށް ކުރާ ފްލައި ޑުބާއީގެ ދަތުރުތައް ފެށުން ފަސްކުރަން ނިންމާފައި ވަނީ މި ދަތުރުތައް އިތުރަށް މާކެޓް ކުރަން ބޭނުންވާތީ އެވެ. އެގޮތުން ފްލައި ދުބާއީ އިންވަނީ ރާއްޖެއަށް އެ އެއާލައިނުން ކުރާ ދަތުރުތައް އިޝްތިހާރުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އިނަ މޯލްޑިވްސް އިން ބުންޏެވެ.

މި ދަތުރުތައް ލަސްކުރަން ނިންމި ނިންމުމަކީ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓްތަކުގައި ރާއްޖޭގެ ދެކުނު އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އިނާ މޯލްޑިވްސްގެ އެމްޑީ މުހައްމަދު ފިރާގު ވިދާޅުވެފައިވެ އެވެ.

ފެބްރުއަރީގެ މި މުއްދަތުގެ ތެރެއިން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް، ހިލޭ ޑޮމެސްޓިކް ޓިކެޓުގެ އިތުރުން ދެ ދުވަހު ދުބާއީގައި ހުރުމުގެ ހަރަދު ހިލޭ ހަމަޖައްސައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.