އެމްޑަބްލިޔުއެސްސީ އިން ރ. ދުވާފަރުގައި ދެމުން އަންނަ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި، އެރަށު ރައްޔިތުން އަހުލުވެރި ކުރުމަށް، "ނަލަ ދުވާފަރު" ގެ ނަމުގައި ކެމްޕޭނެއް އިފްތިތާހު ކޮށްފި އެވެ.

މިކެމްޕޭން އިފްތިތާޚް ކޮށްދެއްވީ ދުވާފަރުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. މި ރަސްމިއްޔާތުގައި ދުވާފަރު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އެކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމް އާއި މުވައްޒަފުން އަދި ރަށުގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ "ނަލަ ދުވާފަރު" ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިރުތަށް ފަސޭހަ ކޮށްދިނުން ކަމަށެވެ. އަދި މި ކެމްޕޭނުގެ ތެރެއިން، ކުނީގެ ބާވަތްތައް ވަކިކުރުމަށް ޚާއްސަ ޑަސްބިންތަކެއް، ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯ-ޓު-ޑޯ ކެމްޕެއިން ވެސް ކުރިޔަށް ގެންދިޔަ ކަމަށް ވެސް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

"ނަލަ ދުވާފަރު" ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ނިންމާލީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްއަކުންނެވެ.

މި ޕްރޮގްރާމްގައި މެނޭޖިން ޑިރެކްޓަރު ޝާހް އާއި އެ ކުނުންފުނީގެ އިސްވެރިންނާއި މުވައްޒަފުންނާއި ދުވާފަރުގެ ކައުންސިލް އާއި މުއައްސަސާތަކާއި ދުވާފަރުގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މިކެމްޕޭނާ ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މިއަދު "ކުޑަކުދިންނާއެކު އެމްޑަބްލިޔުއެސްސީ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ދުވާފަރުގައި ކުނި މެނޭޖްކޮށް، ސާފު މާހައުލެއް ދުވާފަރުގެ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެ އެވެ. އަދި އެ ކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތް ވެސް ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.