ސްޓެލްކޯއިން ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ވިއްކަން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ ގުޅީގައި ދޭންފެށި މި ޚިދުމަތާއެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ޚިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

މި ޚިދުމަތް ގުޅީގައި އިފްތިތާހު ކުރުމާއެކު، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފަ އެވެ.

ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެކެވެ.

ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުން ވެސް މި ޚިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށް ވެސް މި ޚިދުމަތް އެ ރަށުން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ބުނީ އޮޑިދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބޭންޑް A އަށް 10 ރުފިޔާ، ބޭންޑް B އަށް 12 ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް 13 ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ޚިދުމަތް މިވަގުތު ސްޓެލްކޯއިން ދެމުން އަންނަ ރަށްތަކުގެ ތެރޭގައި ކ. ގުޅީގެ އިތުރުން، އދ. މަހިބަދޫއާއި ކ. ގާފަރު ހިމެނެ އެވެ. މީގެ އިތުރުން ވެސް ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ އެހެން ރަށްތަކުގައި ވެސް މި ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީ އެކުންފުނިން އަންނަނީ ވަމުންނެވެ.