ބެންކޮކް (ޖެނުއަރީ 8) - ޗައިނާގެ ޓޫރިސްޓުންނާއެކު އަންނާނެ ކަމަށް ބެލެވޭ ކޮވިޑް -19ގެ ރާޅަކަށް ތައްޔާރުވަމުގެ ގޮތުން، ތައިލެންޑަށް އެތެރެވާ ހުރިހާ ދަތުރުވެރިންނަށް ކޮވިޑް-19 އާ ގުޅިގެން ދިން ލުއިތައް ކެންސަލްކޮށްފައިވާ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އެކި ބޭނުންތަކަށް ދިވެހިން ވެސް ގިނަ އަދަދަކަށް ދަތުރުކުރާ ގައުމުގެ މިނިސްޓަރު ސަކްސަޔަމް ޗިޑްޗޮބްގެ ސިޔާސީ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ބޮޑެތި މީހުން މަދުވެގެން ދެ ވެކްސިން ޖެހިކަމުގެ ލިޔުން ނުވަތަ މިދިޔަ ޖުލައި މަހުން ފެށިގެން ކޮވިޑުން ރަނގަޅުވެފައިވާ ކަމުގެ ހެއްކެއް ދައްކަން ޖެހޭނެ ކަމަށެވެ.

ތައިލެންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ނުލިބޭ ކަން އަންގައިދޭ މެޑިކަލް ރިޕޯޓެއް ބޭނުންވާނެ ކަމަށެވެ. މި އުސޫލަށް އަމަލުކުރަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން ތައިލެންޑުން އަންނަ މީހުން ކޮވިޑް-19 އަށް ޓެސްޓްކޮށް، ހެލްތު އިންޝުއަރެންސް އޮންނަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އާ އުސޫލްގެ ދަށުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ އެއާލައިންތަކުން ބަލަން ޖެހެ އެވެ. އަދި ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ ކަމަށް ޝައްކު ކުރެވޭ މީހުން އެ ގައުމަށް ދިއުމުގެ ކުރިން ޓެސްޓު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ބަޔާނުގައި ވަނީ އެހެން މަންޒިލްތަކަށް ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުން މި އުސޫލަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

ޗައިނާ އިން އަންނަ މީހުންނަށް ދާދި ފަހުން އެކުލަވާލި އާ އުސޫލާ ގުޅިގެން ހޮންކޮންގް، ޖަޕާން، ދެކުނު ކޮރެއާ، ސިންގަޕޫރު އަދި ތައިލޭންޑުގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓު ކުރުން މަޖުބޫރު ކުރަން އިންޑިއާއިން މި މަހު ވަނީ ފަށައިފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ޗައިނާއިން އަންނަ މީހުންނަށް އެ ޝަރުތުތައް ތައާރަފްކޮށްފައި މިވަނީ، ޗައިނާއިން އެކުލަވާލި ޒީރޯ ޓޮލަރެންސްގެ ސިޔާސަތުތައް އުވާލައި، އެ ގައުމު ދުނިޔެއަށް ހުޅުވާލައި، ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކަރަންޓީން ވެސް އުވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

ތައިލޭންޑުން މިދިޔަ އަހަރު 10 މިލިއަން ބިދޭސީން ދަތުރުކުރުމުގެ އަމާޒު ހާސިލްކުރިއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ތިން ލައްކަ ޗައިނާ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.