ބެއިޖިން (ޖެނުއަރީ 8) - ކޮވިޑުގެ އާލަމީ ވަބާގައި ދުނިޔެ ބަންދުވުމާ އެކު، މާޗް 2020 ގައި ބަންދުކުރި ޗައިނާގެ ބޯޑަރު، ތިން އަހަރަށް ފަހު، ބައިނަލްއަގުވާމީ ދަތުރުވެރިންނަށް މިއަދު ހުޅުވާލައިފި އެވެ.

ޗައިނާ އަށް އެތެރެވާ ޓޫރިސްޓުން ކަަރަންޓީނުވާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޗައިނާ އަށް ދިއުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވައިވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.

ޗައިނާ އިން މި އެޅި ފިޔަވަޅަށް ވަރަށް ގިނަ ގައުމުތަކުން މަރުހަބާ ކިޔާފައިވެ އެވެ.

ބޯޑަރު ހުޅުވާލުމާ އެކު ޗައިނާގެ އެކި ސިޓީތަކުގެ އެއާޕޯޓުތަކުގެ ފްލައިޓް ކިޔޫ ވަނީ ވަރަށް ދިގުވެފަ އެވެ. ކުރިއަށް އޮތް ހަފުތާތަކުގައި ހޮންކޮންގުން އެކަނި ވެސް ޗައިނާ އަށް 40،000 މީހުން ދަތުރުކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޗައިނާ ހުޅުވާލާފައި ވަނީ އެ ގައުމުގެ އާ އަހަރުގެ ފެސްޓިވާލާ ދިމާކޮށެވެ.

ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ކޮވިޑުގެ އެންމެ ހަރުކަށި އުސޫލުތައް ގެންގުޅުނު ގައުމަކީ ޗައިނާ އެވެ. މި އުސޫލުތަކާ ހިތްހަމަނުޖެހިގެން ޗައިނާގެ ބައެއް ސިޓީތަކުގައި އިހްތިޖާޖްތައް ވެސް ކޮށްފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ކޮވިޑް ޕޮލިސީ އަށް ބައެއް ލުއިތައް ޗައިނާ ސަރުކާރުން ވަނީ ދީފަ އެވެ. އަދި އޭގެ ފަހުން އެ ގައުމުގައި ކޮވިޑުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. ނަމަވެސް ކޮވިޑުގެ ހިސާބުތައް ޗައިނާ އިން މިހާރު އާއްމު ކުރަމުންނެއް ނުދެ އެވެ.

ބައެއް ގައުމުތަކަށް ޗައިނާގެ ޓޫރިސްޓުން ދަތުރުކުރުމުގެ ކުރިން ކޮވިޑުގެ ނެގެޓިވް ޓެސްޓެއް ގެންދަން މިހާރު ވަނީ މަޖްބޫރުކޮށްފަ އެވެ.