މިދިޔަ އަހަރު ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 228 ޕްރައިވެޓް ޖެޓް ޖައްސާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ އެއާޕޯޓު މެނޭޖްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާފަރު އެއާޕޯޓު މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި 1،571 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 1،493 ޓޫރިސްޓުން ވަނީ ރާއްޖެއިން ބޭރަށް ފުރައިފަ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް އޮންނަ އަތޮޅުގެ އެއާޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައި ވަނީ ޔޫރަޕު ގައުމުތަކުގެ ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައި ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ ޓޫރިސްޓުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި 228 ޕްރައިވެޓް ޖެޓް މާފަރަށް ޖެއްސިއިރު، 2021 ވަނަ އަހަރު އެ އެއާޕޯޓަށް ވަނީ 297 ޕްރައިވެޓް ޖެޓް ޖައްސާފަ އެވެ.

އައިއޭއެސް އިން ބުނިގޮތުގައި މިއަހަރުގެ މިހާތަނަށް މާފަރަށް ވަނީ 26 ޖެޓް ޖައްސާފަ އެވެ. އަދި މިމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ ޖެޓުތައް އެ އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މާފަރު އެއާޕޯޓަށް ޖައްސާ ޖެޓްތަކުގައި އާއްމުކޮށް އަންނަނީ ނ. އަތޮޅުގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ނ. އަތޮޅުގައި 7 ރިސޯޓެއް ހިންގަ އެވެ. އަދި ރިސޯޓު ތަރައްގީކުރުމަށް އަލަށް 13 ރަށެއް ދޫކޮށްފައިވެ އެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި މާފަރު އެއާޕޯޓު، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައް ވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއް ވެސް ހަދާފައި ވަނީ މާފަރުގަ އެވެ.

މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.