މިއަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 37،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 37،209 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 12.7 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މިހާރު ވަނީ 5،000 ހުރަސްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5،316 ޓޫރިސްޓުން އާދެ އެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުން އެވްރެޖްކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

މިއަހަރު ފެށިގެން އައިސްފައި ވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް:

  1. ރަޝިއާ - 7،570 ޓޫރިސްޓުން
  2. އިޓަލީ - 5،423 ޓޫރިސްޓުން
  3. އިންޑިއާ - 2،921 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަގުވާމީ 33 އެއާލައިންއަކުން ދަތުރުކުރެ އެވެ.

ސަރުކާރުން މިދިޔަ އަހަރު އަމާޒު ހިފީ 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެ އަމާޒު ޑިސެމްބަރު 20 ވަނަ ދުވަހު ވަނީ ހާސިލްވެފަ އެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ޓޫރިސްޓުން ގެނެސް ޓޫރިޒަމްގެ އާ ރެކޯޑެއް ހެދުމަށެވެ.