ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިންއަށް ބީއެލްއެލް އިސްލާމިކް އިން ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ފެސިލިޓީއަކީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެއް ކަމަށެވެ. އަދި އ ބަދަލާއެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލާ 15 ޕަސެންޓްގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭނެ އެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިން ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު 12 ޕަސެންޓަށް ކުޑަކުރެވިފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑިރެކްޓަ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ އެ ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނައުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" އަޅުގަނޑުމެން މިދަނީ ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުއީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.

އެ ބޭންކުން ބުނީ ލައިފްސްޓައިލް ފައިނޭންސިން އަށް އެދި ހ. ޒޮނޭރިއާގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ އެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިސްލާމިކް ލައިފްސްޓައިލް ފައިނޭންސިން އާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް އިން ލިބޭނެ އެވެ.