ބެންގަލޫރު (ޖެނުއަރީ 10) - އިންޑިއާގެ ބަޖެޓް އެއާލައިން ގޯ އެއާ ނުވަތަ މިހާރުގެ ނަމުން ނަމަ ގޯ ފަސްޓް އެއާގެ ބޯޓަކުން 50 ފަސިންޖަރުން ޓާމެކުގައި ބޭތިއްބުމަށް ފަހު ބޯޓު ފުރައިފި އެވެ.

ދެކުނުގެ ކަރުނާޓަކާ ސްޓޭޓުގެ ބެންގަލޫރުން ދިއްލީ އަށް ދިއުމަށް ބޯޓު ފުރީ އެ ބޯޓުން ދަތުރުކުރާ 50 އަށް ވުރެ ގިނަ ފަސިންޖަރުން ބަހުގައި ތިބިކަން ނޭނގި ހަނދާން ނެތިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ފަސިންޖަރުންގެ ލަގޭޖް ވަނީ ޗެކްޑް-އިން ކޮށް އަދި ބޯޑިން ފާސް ވެސް ވަނީ އަތަށް ލިބިފަ އެވެ.

ގޯ ފަސްޓުން ބުނެފައި ވަނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. ޓްވިޓާގައި ޝަކުވާކުރި ފަސިންޖަރުންގެ ކިބައިން އެއާލައިނުން ވަނީ މައާފަށް އެދިފަ އެވެ. ޓްވިޓާގައި ފަސިންޖަރުންގެ ޝަކުވާގެ ޝުއޫރުތައް ވަނީ އޭވިއޭޝަން މިނިސްޓަރާއި ބޮޑުވަޒީރުގެ އޮފީހަށް ވެސް ޓެގްކޮށްފަ އެވެ.

އެއާލައިނުގެ އޮފިޝަލަކު ބުނެފައި ވަނީ އެ ހާދިސާ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ބޯޓުން ނުފުރުނު 53 ފަސިންޖަރުންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާ ކަމަށް އެއާލައިނުން ބުނެފައިވެ އެވެ.

އިންޑިއާގެ އޭވިއޭޝަން ރިގިއުލޭޓަރު، ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ވަނީ ގޯ ފަސްޓުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ގޯ އެއާގެ ނަން ގޯ ފަސްޓަށް ބަދަލުކުރީ މެއި 2021 ގަ އެވެ.