ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރުގެ ސީއީއޯ ކާލް ސްޓުމްކާ އައްޔަންކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މިދިޔަ އޮކްޓޯބަރު މަހު ބީއެމްއެލްގެ ސީއީއޯ ކަމާ ހަވާލުވި ކާލް ސްޓުމްކާ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައި ވަނީ މިއަދު ބޭއްވި ހާއްސަގޮތުން ކުރި އާންމު ޖަލްސާގައި ކަމަށެވެ.

ކާލްއަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވެލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގަ އެވެ.

2010 ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި އޭނާ ވަނީ ފުޅާދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފަ އެވެ. މި މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގަ އެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓްގެ ޑައިރެކްޓަރގެ މަގާމުގަ އެވެ.