އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާ ސްޓްރެއިންއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެން ވިޔަސް ޓޫރިޒަމް ކުރިޔަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުން ކޮވިޑްގެ އައު ސްޓެރެއިން ފެނުމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި އެ ގައުމުން ކޮވިޑް ހަލުވިކަމާއެކު ފެތުރޭ އާ ސްޓްރެއިން ފެނުމަކީ އެކަމާ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ކޮންމެ ގައުމަކުން ވިޔަސް ދަތުރުކުރުން ހުއްޓާލައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ. ރާއްޖެއިން އެއްވެސް ފިޔަވަޅެއް އަޅާނީ ހެލްތު ޕްރޮފެޝަނަލުންގެ ލަފަޔާއެކު، އެ ނިންމުމަކަށް އަޅުގަނޑުމެން އަމަލުކުރަން މަޖުބޫރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިހާރު ހިންގަނީ ޓޫރިސްޓުންނާއި މުވައްޒަފުން އަދި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ.

"ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިތާ ފަސް މަހާއި ފަސް ދުވަސްވީއިރު އެނގުނު ކަމަކީ މިހާރު ހުރި ނިޒާމުގެ ތެރެއިން ޓޫރިޒަމް ހިންގޭނެކަން. އަޅުގަނޑުމެން ބަލާނީ ފިޔަވަޅުތައް ވަރުގަދަކޮށްގެން ވިޔަސް ޓޫރިޒަމް ހިންގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް އިނގިރޭސިވިލާތުގެ ޓޫރިސްޓުން ދަތުރުކުރަން އެ ގައުމުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް ހަފުތާއަކު ނުވަ ދަތުރުކުރެ އެވެ. އަދި ސްރީލަންކަން އެއާލައިންސް އިން ވަނީ ލަންޑަނާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފަ އެވެ.

"ޔޫކޭއަކީ އަޅުގަނޑުމެން އެންމެ މުހިއްމު ހަތަރު މާކެޓްގެ ތެރެއިން އެއް ގައުމު. އެ ގައުމުން ދަތުރުތައް ހުއްޓާލައިފި ނަމަ އޭގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަކި ގައުމެއްގެ ދަތުރުތައް ހުއްޓާލުމުގެ ކުރިން އެޅޭނެ އެތައް ފިޔަވަޅެއް ހުންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 15،397 ޓޫރިސްޓުން އައިސްފައިވެ އެވެ.