މާލެ ސިޓީގެ ނީލަން ފިހާރަ ކުރިން ހުރި ސަރަހައްދުގައި ނީލަން ފިހާރަ ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގަ އެވެ.

ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ދެން އެ ވިޔަފާރި ނުހިންގޭނެ ކަމަށާއި، އެތަން ހިންގަން މާލެ ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދޫކުރަން ސަރުކާރުގައި އެދެން ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ހުށަހެޅުން ފާސްކުރީ ކައުންސިލްގެ 11 މެމްބަރުންގެ އިއްތިފާގުންނެވެ.

މޭޔަރު ވިދާޅުވީ އިންޑަސްޓްރިއަށް ވިލެޖަށް އެތަން ބަދަލު ކުރިޔަސް ވަކި ބަޔަކަށް އެތަން ދޫ ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެތަން ހިންގާނީ އޮންނަ އުސޫލުގެ ދަށުން ފުރުސަތަށް ހުޅުވާލައިގެން އެކަން ކުރަން ބޭނުންވާ މީހުންނަށް ކަމަށެވެ.

"ނީލަން ފިހާރަ ހިންގަން ސަރުކާރުން ޖާގަ ނުދެންޏާ ވާނެ ގޮތަކީ ނީލަން ފިހާރަ ނުވަތަ ސެކަންޑް ހޭންޑް މާކެޓް ވަގުތީ ގޮތުން ވިޔަސް މާލެ ސިޓީގަ ނެތިގެން ދާނެ، އެއީ ދެން އޭގަ އޮތް ނަތީޖާއަކަށް ވާނީ " މޭޔަރު ވިދާޅުވި އެވެ.

ނީލަން ފިހާރަ އެ ސަރަހައްދުން ނަގަން މީގެ ކުރިން ވެސް ކައުންސިލުން ފާސް ކުރި އެވެ. އެހެންނަމަވެސް އެތަން އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވުނީ ސަރުކާރުން ބިމެއް ނުދެއްކުމުންނެވެ.